ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މަރާމާރީއެއް ކޮންޓްރޯލް ކުރުމަށް ރޭ ގަލޮޅު މަސްއޮޑިގޭގައި އެސްއޯ ފުލުހުންންގެ ބަޔަކު ހިންގި އޮޕަރޭޝަނުގައި ބަޔަކާ މެދު ފުލުހުން ލާއިންސާނީ އަމަލު ހިންގައި އެ ގޭގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީ އިން ތުހުމަތުކޮށްފި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރޭގެ ވަގުތެއްގައި އެސްއޯ ފުލުހުންގެ ބަޔަކު ނުކުމެ މާލޭގެ ދެ ގްރޫޕަކަށް ނިސްބަތްވާ ބަޔަކަށް ހަމަލާދީ، ގޯތިގެދޮރަށްވަދެ މުދަލަށް ގެއްލުންދީ ހިންގާފައިވާ ކަމަށް ބެލެވޭ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލާ ކަމަށެވެ.

ރޭގައި ހިނގައި ދިޔަ ހާދިސާގެ ސީރިއަސްކަން ފާހަގަކުރެވެނީ ފުލުހުންނަށް އެހީތެރިވުމަށް ކަމަށް ބުނެ ސިފައިންގެ ބަޔަކު މަގުމައްޗަށް ނެރުމުން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

"ވީމާ މާލޭގެ ބައެއް ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާކޮށް، ގޯތިގެދޮރަށް ވަދެ މުދަލަށްގެއްލުންދީ ހަލާކުކޮށްފައިވާކަމުގެ ހެކިދޭ މަންޒަރުތަކާއި ވާހަކަތައް ހާމެވެފައިވާތީ މި މައްސަލައިގެ ފުރިހަމަ ތަހްޤީޤެއް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ވަގުތުން ހިންގެވުމަށް މި ޕާޓީން ގޮވާލަން،" އެމްޑީޕީއިން ބުންޏެވެ.

މަސްއޮޑިގޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުންނާ ބެހޭ ގޮތުން ކުރާ ތުހުމަތާ ގުޅޭ ގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ އެސްއޯ ފުލުހުންގެ ބަޔަކު މަސް އޮޑިގެއަށްވަދެ މާރާމާރީ ހިންގި ކަމަށް ބަޔަކު ތުހުމަތު ކުރަމުންދާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.