ސައޫދީ ފަންޑުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ފައިސާ ދިނުމަށް ނިންމާފައިވާ ގައުމުތަކުގެ "ޖޮއިންޓް ކޯޑިނޭޝަން ގްރޫޕް"ގެ ބައްދަލުވުމެއް މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް އެއްބަސްވެއްޖެ އެވެ.

އެ ބައްދަލުވުމަށް އެއްބަސްވެފައި ވަނީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އެހީ ހޯދުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިދިޔަ ބުރާސްފަތި ދުވަހު ސައުދީގެ ފިނޭންސް މިނިސްޓަރު ހިޒްއެކްސެލެންސީ އިބްރާހީމް ބިން އަބްދުލްއަޒީޒް އަލް-އައްސާފް އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ގްރޫޕްގެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަަކީ މަޝްރޫއުގެ "ޓާމިނަލް ބިލްޑިން"ގެ ޓެކްނިކަލް އަދި ފައިނޭންސިން ޕްލޭންއާ ބެހޭ ގޮތުން ކޯޑިނޭޝަން ގްރޫޕް މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް އައުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.

އެ ބައްދަލުވުމުގައި އައިއެންއައިއޭ ތަރައްގީ ކުރުމަށް އެހީވެދައްވާނެ ކަމުގެ ޔަގީން ސައުދީގެ ފިނޭންސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަލަށް އުފެއްދެވި އިސްލާމިކް ފައިނޭންސް ސެންޓަރު ތަރައްގީކުރުމަށާއި އަމަލީ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް މިނިސްޓަރު ޖިހާދު ވަނީ އެދިވަޑައިގެންފަ އެވެ.

ސައޫދީ ފަންޑުގެ ބޭފުޅުންނާއި އެކު ބޭއްވި މަޝްވަރާތަކުގައި ސައޫދީ ފަންޑުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު އެގްރީމަންޓްގައި ސޮއިކުރުން އަވަސް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސައޫދީ ފަންޑުގެ އެހީގެ ދަށުން ކުރިއަށްދާ ޔޫތުސިޓީ ތަރައްގީކުރުމަށް ދީފައިވާ 80 މިލިއަން އެމެރިކާ ޑޮލަރާއި، "އެއަރޕޯޓް ޕްރޮޖެކްޓް" އަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިސްކަންދޭ އިތުރު މަޝްރޫއުތަކަށް ފައިސާ ދިނުމުގެ ޝައުޤުވެރިކަން ސައުދީ ފިނޭންސް މިނިސްޓަރު އަދި ސައުދީ ފަންޑުން ފާޅުކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.