ދިރާގު ބްރޯޑްބޭންޑް އިންޓަނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލްޓީއީގެ ހިދުމަތް ހއ. ދިއްދުއަށް މިއަދު ތައާރަފް ކޮށްފިއެވެ.

އެހިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވައި ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނު ވިދާޅުވީ، 4ޖީ-އެލްޓީއީ ހިދުމަތުގެ ސަބަބުން އެރަށުގެ އިޖުތިމާއީ އަދި އިޤުތިސާދީ ތަރައްޤީއަށާއި، ޒުވާނުންގެ ކުރިއެރުމާއި ތައުލީމަށްވެސް ބޮޑެތި ކުރިއެރުންތަކެއްލިބިގެން ދާނެ ކަމެއްކަމުގައެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، ދިއްދުއަކީ އާބާދީ ބޮޑު، ސްމާޓް ޑިވައިސަސް ގިނަ އަދަދަކަށް ބޭނުންކުރާ ރަށަކަށް ވުމާއެކު އެރަށަށް ދިރާގުގެ ފޯޖީ ހިދުމަތް ތައާރަފުކުރެވުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެ،" އިމްޖާދު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އިތުރު ގިނަ ރައްތަކަކަށް ދިރާގު 4ޖީގެ ހިދުމަތް ފުޅާ ކުރައްވަން ރާވާފައިވާކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.

ރާއްޖެއަށް 4ޖީގެ ހިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ވަނީ ހއ. ދިއްދޫގެ އިތުރުން އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގައިވެސް އެހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ފޯރުކޮށްދޭ ދިރާގުން މިއަދު ބުނީ މިހާރު ރާއްޖޭގެ އާބާދީގެ 56 ޕަސެންޓްއަށް ދިރާގުގެ 4ޖީއެލްޓީއީގެ ހިދުމަތް ލިބޭނެ ކަމަށެވެ. ހަމައެއާއެކު މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެންނިހެން ސަރަހައްދުތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ.