19 Mar 2016, 16:46
ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލެ އަދި ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗު ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އިސްލާމިކް ބޭންކަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އިސްލާމިކް ބޭންކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތިން އަހަރަށް، ބޭންކު ތަރައްގީ ކުރުމަށް ހާއްސަ ޕްލޭން އެއްވެސް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަރަށް އަވަހަށް ހުޅުމާލެ އަދި ކުޅުދުއްފުށީގައި އެ ބޭންކުގެ ބްރާންޗް ހުޅުވާނެ ކަމަށް ޗެއާމަން ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ބްރާންޗް ހުޅުވާނެ. މިހާރު ތިން ބްރާންޗު ވަނީ ހުޅުވިފައި،" އޭނާ ވިދާޅުވި އެވެ.
މިހާރު އެމްއައިބީގެ ބުރާންޗުތައް ހުންނަނީ މާލޭ ސިޓީ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގަ އެވެ.
އޭގެ އިތުރުން ނަޖުމުލް ހަސަން ވިދާޅުވީ 2017 ވަނަ އަހަރުގެ ކުރީ ކޮޅު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ރާއްޖެއަށް އިންޓަނޭޝަނަލް ޑެބިޓް ކާޑެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަޖުމުލް ހަސަން ވިދާޅުވީ، މިހާރު އެ ބޭންކުގައި 45،000 ކަސްޓަމަރުން އެބަ ތިބި ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެ އަދަދު 80،000 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.