19 Mar 2016, 15:26
ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް މިއަދު ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.
ސަން އަށް އެނގިގައިވާގޮތުގައި އެ ތިން މީހުން ދޫކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހީމް އެގޮތަށް އިއްޔެ އަމުރު ކުރުމާ ގުޅިގެންނެވެ.
މިހާތަނަށް އެމީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބޭތިއްބުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އެމީހުން ބަންދުން ދޫކޮށްލިއިރު، އެ މައްސަލައިގެ ހެކިބަސް ނަގައި އަދި ނުނިމެ އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. ނަމަވެސް އެ ތިން މީހުން އޭނާ މަރާލުމުގައި ބައިވެރިވި ކަމުގެ ހެކި ލިބިފައިނުވާތީ އެމީހުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މަފާޒު މަރާލުމުގެ ކުރިން ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.