ވެރި ރަށް މާލެ މިއަދު ވަނީ ފުރި ބާރުވެފަ އެވެ. ދުއްވާ އެއްޗެހީގެ ދުމުން ވައި ނުސާފުވެ، ކަންފަތަށް އުނދަގޫވާ އިރު، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާނެ ޖާގަ އޮންނަނީ ގިނަ ފަހަރަށް ނުލިބިފަ އެވެ. ކުދިކުދި އެޕާޓްމަންޓުތަކުގެ ހަތަރު ފާރުން އެތެރެއަކީ ދުވަހުގެ މަސައްކަތަށް ފަހު ލިބޭ ހާސްކަމާ ވަރުބަލިކަން ފިލުވާލަން އެންމެ އެކަށީގެންވާ ތަނަކަށް އޮންނަނީ ނުވެފަ އެވެ.

ނަމަވެސް، ސަރުކާރުން ވަނީ އެ ހާސްކަން ފިލުވައި، ރައްޔިތުންގެ ވަރުބަލިވެފައިވާ ސިކުނޑިތަކަށް ތާޒަކަމެއް ގެނައުމަށް އަމާޒު ހިފާފަ އެވެ. އެގޮތުން ތޮއްޖެހިފައިވާ މާލޭގައި އާއިލާއާ އެކުވެރިންނާ އަދި ދަރިންނާ އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ޕާކު ތަކާއި މައިޒާންތައް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާމުގައި ކުޑަކުދިން މަޖާކުރަނީ-- ސަން ފޮޓޯ

ގޭތެރެއިން ނުކުމެ ހިންދެމިލެވޭނެ އެފަދަ މައިޒާންތަކަށް މާލޭގައި ދިރިއުޅޭ ރައްޔިތުން ފެންބޮވައިގެންފައި ތިބި މިންވަރު ޖުމްހޫރީ މައިދާނަށް ބަދަލުގެނެސް ހުޅުވި ހިސާބުންވެސް ފެނިގެން ދިޔަ އެވެ. ޖުމްހޫރީ މައިދާނުގައި ބެހެއްޓި މިޔުޒިކީ ފައްވާރުގެ ފެންގަނޑު ތެރޭގައި ކުޑަ ކުދިންތައް ހިނިތުންވެފައި ކުޅޭ މަންޒަރު ބަލާލުމަށް މައިންބަފައިން ތިބީ އުފަލުންނެވެ.

ރާވެރިބޭ މައިޒާނުގައި ކުޑަކުދިންތަކެއް ކުޅެނީ -- ފޮޓޯ/ ރައީސް އޮފީސް

އެއަށްފަހު ހުޅުވިގެން ދިޔަ ރާވެރިބޭ މައިޒާނުންވެސް ފެނިގެން ދިޔައީ ހަމަ އެ އުފާވެރި ކަމެވެ. އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހިތްހަމަ ޖައްސާލުމަށް ދާ ތަނަކަށް ވެގެން ދިޔަ އެވެ. ރަސްފަންނުގެ ވާހަކަ ނުދައްކަމާ ހެއްޔެވެ. އާންމުންނަށް ރަސްފަންނު ހުޅުވާލި ދުވަހުވެސް އެތަނުން ވެއްޔެއް ފެނެއް ވަކި ނުވާ ވަރަށް މީހުން އޮތެވެ. އަދިވެސް އެ މަންޒަރު ހަމަ އެގޮތަށް ފެނެ އެވެ. މޫދަށް އެރި، ވެލި ކުޅެލާ މާމަމެން ކާފަމެން ކަސްރަތުކޮށްލައި، ދުވަސްވީ އެކުވެރިންނާ ބައްދަލުކޮށްލާ ހޮޅުއަށްޓަކަށް އެތަން ވެގެން ދިޔަ އެވެ.

ރަސްފަންނު. ގޭ ބަންދުން މިނިވަންކޮށްދިން ހިތްގައިމު ބީޗު -- ސަން ފޮޓޯ

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކޮންމެހެން ފެން އަރުވާ ވަޑާމާއި، އަތިރިމަތި އާތަނަކަށް ވީއެއް ނޫނެވެ. ނަމަވެސް މި މާލޭގައި ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވޭނެ ތަންކޮޅެއް ލިބުނީ އެވެ. އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ތަނަވަސް ފުރުސަތެއް ލިބުނީ އެވެ.

އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމަށް ސަރުކާރުން ފެށި މަސައްކަތަށް ދެން އިތުރުވީ ދާދި މިދާކަށް ދުވަހު ހުޅުވުނު ސުނާމީ ބިނާ މައިޒާން އެވެ. ތިން ރުއް ޕާކު ތަރައްގީކޮށް ބޮޑެތި ބަދަލުތަކާއެކު ހުޅުވި އިރު ތަނުގެ ހިތްގައިމުކަން ވަރަށް ފުރިހަމަ އެވެ. ދެ ފަރާތުން މޫދު ފެންނަ ގޮތަށް ދޮންވެލި ލައި ޖޯލި ބަހައްޓާފައި ހުރީ ދިވެހިންގެ ސަގާފަތާވެސް ގުޅުވާފަ އެވެ.

ހުކުރު ދުވަހު ސުނާމީ ބިނާ މައިޒާން. އެ ސަރަހައްދު އޮތީ ފުރިބާރުވެފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މާލޭގައި އެފަދަ ކިތަންމެ މައިޒާނެއް ހެދި ނަމަވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތް ނުފުރޭނެ ކަން މިދިޔަ ހުކުރު ދުވަހު މިވަނީ ވަރަށް ރަނގަޅަށް ހާމަވެފަ އެވެ. ހުކުރު ދުވަހަކީ ދިވެހީންގެ އާއިލީ ދުވަސް ކަމަށް ވާއިރު، ސުނާމީ ބިނާ މައިޒާން 'ފުރިގެން ބަންޑުން ދާވަރު' ވެފައި އޮތީވެސް އެހެންވެ ކަމަށް ވެދާނެ އެވެ.

އިއްޔެ އަކީ ސުނާމީ ބިނާ މައިޒާން ހުޅުވި ފަހުން އައި ފުރަތަމަ ހުކުރެވެ. އަދި ސްކޫލު ބަންދުވެސް ރަސްމީކޮށް ފެށުނު ދުވަހެވެ. ހަވީރު ވެގެން އައި އިރު ސުނާމީ ބިނާ މައިޒާން އޮތީ ފުރި ބާރުވެފަ އެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނެވެ. ޒުވާނުންނާ ދުވަސްވީ މީހުންނެވެ.

ސުނާމީ ބިނާ މައިޒާން ބަލާލުމަށް ދިޔަ އެކި އުމުރުގެ މީހުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ކުޑަކުދިން މޫދު ބަލަން ތިބީ އަޖާއިބު ވެފައި ތިބޭ ކަހަލަ ގޮތަކަށެވެ. ދުވެލާފަ ފުންމާލާ ހަދަނީ މަޖާވެފައި ތިބެގެންނެވެ. މީގެ ކުރިން ނުދަންނަ އެތައް ކުދިންނެއް، ސުނާމީ ބިނާ ސަރަހައްދުން އެކުވެރިންތަކަކަށް ވަނީ ބަދަލުވެފަ އެވެ.

ސުނާމީ ބިނާ މައިޒާން ބަލާލުމަށް ގޮސްތިބި ކުޑަކުދިންތަކެއް މޫދުބަލަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދުވަސްވީ މީހުން ޖޯލިފަތިތަކުގައި އިށީނދެގެން ތިބީ މާޒީގެ ހަނދާން އާވާ ކަހަލަ ލުއި ހިނިތުންވުމަކާ އެކީ އެވެ. ޒުވާނުން ސެލްފީ ނަގަމުން ދިޔައީ ވަރަށް ވެސް ފޯރީގަ އެވެ.

އަޅުގަނޑުމެންގެ ގައުމުން ދެކެން ބޭނުންވާ މަންޒަރަކީ މިއީ އެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައި އޮތް އަހުވަންތަކަމާ، ގާތްކަން ބަދަލެއް ނެތި ދެމި އޮތުމެވެ. ސިޔާސީ ކޯޅުންތަކާ ދެބަސްވުންތައް އެއްފަރާތްކޮށް، އެންމެން އެކުގައި ހިނިތުންވެލުމެވެ.

ސުނާމީ ބިނާ މައިޒާން ބަލައިލުމަށް ހުކުރު ދުވަހު ގިނަ ބަޔަކުވަނީ އެސަރަހައްދަށް އެއްވެފައި-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މާލެއިން މިހާރު އެ މަންޒަރު މިވަނީ އަނެއްކާވެސް ފެންނަން ފަށައިފަ އެވެ. ޕާކުތަކާ މައިޒާން ތަކަކީ ތަރައްގީ ނޫން ކަމަށް ބަޔަކު ބުނި ނަމަވެސް، ގައުމަށް އެއްވެސް ކަހަލަ ތަރައްގީއެއް އަންނާނީ ރައްޔިތުންގެ އިޖުތިމާއި ދުޅަހެޔޮކަން އިތުރުވެ، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބުމުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

***