19 Mar 2016, 15:05
ކެޕްޓަން އަލީ އަސްފާގް (ދަނގަޑޭ)އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި އަމްދާނު އަލީ (އެންޑީ) އާ ނުލައި ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ނެގި ގައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އެކުލަވާލައިފިއެވެ.
އަންނަ ބުރާސްފަތި ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން މި ތިން ކުޅުންތެރިންގެ އިތުރުން ތަޖްރިބާކާރު މިޑްފިލްޑަރު އަހުމަދު އާރިފް (ބަކާ) އަށް ވެސް ވަނީ ފުރުސަތު ގެއްލިފައެވެ. މީގެ އިތުރުން މާޒިޔާގެ ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އާއި މޫސާ ޔާމިން (ޔާމްބެ) އަށް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ދީފައެވެ.
އެފްއޭއެމްގެ މީޑިއާ އޮފިޝަލް މުހައްމަދު އާދަމް 'ސަން' އަށް ވިދާޅުވީ، ބަކާގެ އިތުރުން އަނެއް ތިން ކުޅުންތެރިން ގައުމީ ޓީމުން ބާކީ ކުރީ އަނިޔާގެ ސަބަނުން ކަމަށާއި އަދި ޗައިނާ މެޗަށް ފަހު އަމިއްލަ ދަނޑުގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް އެ ކުޅުންތެރިން ފިޓް ކުރަން ކަމަށެވެ.
"ގައުމީ ޓީމްގެ ފިޒީޝަންގެ އިރުޝާދުގެ ދަށުން އެ ކުޅުންތެރިން މުޅިން ފިޓް ނުވާތީވެ ޓީމަށް ނުނެގީ. ނަމަވެސް ބަކާ ނުނެގި ސަބަބެއް ނޭނގެ. ކޯޗަށް ވަނީ ޓީމް އެކުލަވާލުމުގެ ފުރިހަމަ ބާރު ދީފަ،" މުހައްމަދު ވިދާޅުވިއެވެ.
މިފަހަރުގެ ސްކޮޑަށް މާޒިޔާގެ 10 ކުޅުންތެރިއަކު ނަގާފައިވާ އިރު ދެން ހިމެނެނީ ޓީސީގެ ހަތަރު ކުޅުންތެރިއަކާ ވެލެންސިއާގެ ދެ ކުޅުންތެރިންގެ އިތުރުން އީގަލްސްގެ ދެ ކުޅުންތިއަކާއި ނިއުރޭޑިއަންޓްގެ އެއް ކުޅުންތެރިއެކެވެ.
ޗައިނާ މެޗަށް ނެގި 18 ކުޅުންތެރިންގެ ގައުމީ ސްކޮޑު:
މާޒިޔާ
އިމްރާން މުހައްމަދު
- އަޝްހަދު އަލީ (އަޑުބަރޭ)
- އިސްމާއިލް އީސަ
- އަހުމަދު އިމާޒް (އާއްކޮ)
- ސަމޫހު އަލީ (ސަމުއްޓޭ)
- ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ)
- ސަމްދޫހު މުހައްމަދު
- އަހުމަދު ނާޝިދު (ނާއްޓޭ)
- ގާސިމް ސައްމާމު
- މޫސާ ޔާމިން
ޓީސީ ސްޕޯޓްސް ކްލަބް
އަލީ ފާސިރު (ސެންޓޭ)
- ހަސަން ނާއިޒު (ދާދު)
- އަހުމަދު އަބްދުﷲ (ލިލީ)
- އަބްދުﷲ ފަޔާޒު
ކްލަބް ވެލެންސިއާ
ޝާފިއު އަހުމަދު (ޝާފީ)
- މުހައްމަދު ފައިސަލް
ކްލަބް އީގަލްސް
އަންސަރު އިބްރާހިމް (އަންކޮ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)