28 Apr 2011, 11:38
ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް ވެރިކަމުގައި ހުންނަވައި 400 މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް ބުނެ މިއަދު ނޫހުގައި ލިޔެފައިވާ ލިޔުމުން އެމަނިކުފާނަށް ގެއްލުންވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް އެއީ އޮޑިޓް ރިޕޯޓުގައި ހުރި ވާހަކަތަކެއް ކަމަށާއި އޮޑިޓް ރިޕޯޓަކީ ތެދު ކަމަށް ބަލަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިއަދު ނޫހުގެ އެޑިޓަރު އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް މައުމޫން އަބުރުގެ ދައުވާ ކުރެއްވި މައްސަލައިގައި ހުކުމް ކުރައްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޖޫން 13، 2010 ގައި މިއަދު ނޫހުގައި ލިޔެފައިވާ ވާހަކަތަކަކީ ނިއުޔޯކް ޓައިމްސްގެ އާޓިކަލެއްގެ ތަރުޖަމާ ކަމަށް ލަތީފް ވިދާޅުވާ ކަމަށެވެ. އަދި ނިއުޔޯކް ޓައިމްސްގެ އާޓިކަލުގައި ވަނީ ތީމުގޭގެ އޮޑިޓް ރިޕޯޓުގައިވާ ވާހަކަތައް ކަމަށް ލަތީފް ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ މިއަދު ނޫހުގައި ލިޔެފައިވާ ވާހަކަތަކުގެ ސަބަބުން އާންމު ރައްޔިތުން އެ ލިޔުން ރައްދުވާ ފަރާތާމެދު (މައުމޫނާމެދު) ދެކުމުން އައި ގޮތަށް ހެޔޮ ނޫން ބަދަލެއް އަތުވެދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެކަމަކު އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގައިވާ ގޮތުން ބުނާ ބަހަކީ ނުވަތަ ދޭ މައުލޫމާތަކީ ދައުވާ ކުރާ ފަރާތަށް ކިތަންމެ ގެއްލުން ކުރަނިވި ބަހެއް ނުވަތަ މައުލޫމާތެއް ކަމަށްވީ ނަމަވެސް އެއީ ތެދު ނަމަ އަބުރާ ބެހުނީ ކަމަށް ނުބެލެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"މި ލިޔުމުގައި [މިއަދު ނޫހުގައިވާ] ވާހަކަތަކަކީ އެ ވާހަކަތަކުގެ ސަބަބުން މުޖްތަމައުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ހިތްތަކުގައި އެ ލިޔުން ނިސްބަތް ކުރާ ފަރާތާ މެދު ދެކެމުން އަންނަ ގޮތަށް ހެޔޮ ނޫން ބަދަލެއް އައުމުގެ އިހްތިމާލް އޮތް ފަދައަކުން އޮތް ލިޔުމެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ،" ގާޒީ ވިދާޅުވި އެވެ. "[އެކަމަކު] ބުނާ ބަހަކީ ނުވަތަ ދޭ މައުލޫމާތަކީ ދައުވާ ކުރާ ފަރާތުގެ އަބުރަށް ކިތަންމެ ގެއްލުން ކުރަނިވި ބަހެއް ނުވަތަ މައުލޫމާތެއް ކަމުގައިވީ ނަމަވެސް އެ ބަހަކީ ނުވަތަ އެ މައުލޫމާތަކީ ތެދު މައުލޫމާތެއް ކަމުގައިވާ ނަމަ އަބުރާ ބެހުނީ ކަމަށް ނުބެލެވޭނެ ކަމަށް [ގަވާއިދުގައި] ބަޔާންކޮށްފައިވޭ."
އޮޑިޓާ ޖެނެރަލަކީ ގާނޫނު އަސާސީގެ ދަށުން އައްޔަން ކުރާ މުސްތަގިއްލު ފަރާތެއް ކަމަށާއި ސަރުކާރުގެ މުދަލުން ހިންގާ ތަންތަން އޮޑިޓް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކީ އެ ނޫން ގޮތަކަށް އެނގި ސާބިތުނުވާހާ ހިނދަކު ތެދު ކަމަށް ބަލަން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެ ރިޕޯޓްގައިވާ ކަންކަމަކީ އެގޮތަށް ހިނގާފައިވާ ކަންކަން ނޫން ކަމަށް މައުމޫންގެ ފަރާތުން ސާފުކޮށްދީފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"...އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކީ އެ ރިޕޯޓާއި އެ ރިޕޯޓުގައިވާ އެކުލެވިގެންވާ ކަންކަން އެ ނޫން ގޮތަކަށް އެނގި ސާބިތުނުވާހާ ހިނދެއްގައި، އެ ރިޕޯޓާއި އެ ރިޕޯޓުގައިވާ ކަންކަން އެގޮތުގައި ބަލަންޖެހޭނެ ކަންކަން،" ގާޒީ ނިހާޔަތު ވިދާޅުވި އެވެ. "[އަދި] އެ ރިޕޯޓްގައިވާ އެކަންކަމަކީ އެ ރިޕޯޓްގައިވާ ފަދައިން ނޫން ގޮތަކަށް އޮތް ކަންތައްތަކެއް ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ދައުވާ ކުރާ ފަރާތަކަށް ސާފުކޮށްދެވިފައިނުވާ ހިނދު އެ ރިޕޯޓްގައިވާ ކަންކަމުގެ މައްޗަށް ބިނާކުރި ލިޔުމެއް އެއީ ތެދު މައުލޫމާތު ނޫން ކަމަށް ބެލެނޭ ހަމައެއް ނެތް."
ގާޒީ ހުކުމް ކުރެއްވީ މިއަދު ނޫހުގެ ލިޔުމުގެ ސަބަބުން މައުމޫނަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހައްގުވެއްޖެ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.