19:00


ފިލިޕީންސްގެ ސަހަރެއް ކަމަށްވާ ކުއިޒޯން ސިޓީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެތައްހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.


އެސަހަރުގައި ހަރަކާތްތެރިވާ ފިލިޕީންސް ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ އިއްޔެ މެންދުރު އެސަހަރުތެރެއަށް ފެތުރިގެން ދިޔަ އަލިފާންގަނޑުގެ ސަބަބުން 600 އަށްވުރެ ގިނަ ގެތައް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި މިހާދިސާގައި މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކުރެވިފައިނުވީނަމަވެސް ދެމީހަކު ގެއްލިފައިވާ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.


މައުލޫމާތު ލިބޭގޮތުގައި މިހާދިސާގައި ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދާފައިވަނީ އެސަހަރުގެ ސްކޫލްތަކުންނެވެ.


ހާދިސާއަށް ފަހު ވާހަކަދައްކަމުން އެސަހަރުގެ ރައްޔިތުން ބުނެފައިވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމީހުންނަށް އެނގުނީވެސް ގެތަކުގައި ހުޅު ރޯވާން ފެށުމުން ކަމަށެވެ. އަދި އަންނައުނު ފިޔަވާ އެހެން އެއްވެސް އެއްޗެއް ސަލާމަތްކުރެވިފައި ނުވާ ކަމަށް ވެސް އެމީހުން ބުންޏެވެ.


ފިލިޕީންސްގެ ކުއިޒޯން ސިޓީ އަކީ އެގައުމުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުން އެންމެ އާންމުވެފައިވާ ސަރަހައްދެވެ.