މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 2015 ވަނަ އަހަރު ފައިދާގެ ގޮތުގައި 33 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިސްލާމިކް ބޭންކުގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އިސްލާމިކް ބޭންކުން ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި، އެޑިއުކޭޝަން ފައިނޭންސިން ޕްރޮގްރާމެއް ހިންގަން އެ ބޭންކުން ވަނީ ވިލާ ކޮލެޖާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ ޕްރޮގްރާމުގައި ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނިގެންދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

އެޑިއުކޭޝަން ފައިނޭންސިން ޕްރޮގްރާމެއް ހިންގުމަށް ވިލާ ކޮލެޖާ އެމްއައިބީ އާއެކު އެއްބަސްވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން، ރާއްޖޭގައި ބޭންކު ހުޅުވުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ އޭރު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ކަމަށާއި، ނަމަވެސް މިހާރު އެ ބޭންކުގެ ކަސްޓަމަރުންގެ އަދަދު 45،000 އަށް އަރާފައިވާ ކަމަށްވެސް ޗެއާމަން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އިސްލާމިކް ބޭންކުގެ ކަސްޓަމަރުންގެ އަދަދު 80،000 އަށް އަރާނެ ކަމަށް ބެލެވޭ،" ނަޖުމުލް ހަސަން ވިދާޅުވި އެވެ.

ޗެއާމަން ވަނީ ބޭންކުން ރައްޔިތުންނަށްޓަކައި އަލަށް ތައާރަފު ކުރި ހިދުމަތްތަކަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ތައާރަފު ކުރެވޭނެ ހިދުމަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ.

އިސްލާމިކް ބޭންކަށް އެކި ގޮތްގޮތުން އެހީވި ފަރާތްތަކަށް ހަނދާނީ ފިލާ ދިނުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން ކުރިއަށް އޮތް ތިން އަހަރަށް ބޭންކު ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ހުޅުމާލެ އާއި ހދ. ކުޅުދުއްފުށީގައި ވެސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ގާއިމު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަންނަ އަހަރު އިންޓަނޭޝަނަލް ޑެބިޓްކާޑު ވެސް ތައާރަފުވެގެން ދާނެ ކަމަށް ނަޖުމުލް ހަސަން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް ބޭންކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ.