ސްކޫލް ބަންދާ ދިމާކޮށް، ރީފްސައިޑު ޕްލޭސްޓޭޝަން "ހޫ އިސް ނެކްސްޓް"ގެ ނަމުގައި އެއް ދުވަހުގެ މުބާރާތެއް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

ރީފްސައިޑުން އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށެވެ. ނަމަވެސް ކުޑަ ކުދިންނަށް ވެސް އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ރީފްސައިޑުން ބުނެ އެވެ.

މުބާރާތަށް ހޮވާފައިވާ ގޭމަކީ "މޯޓަލް ކޮމްބެޓް އެކްސް" އެވެ.

މުބާރަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓާ ވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ރީފްސައިޑު ސޮނީ ސެންޓާ އަށް ގޮސް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުމުރުން 10 އަހަރުން ދަށުގެ ކުދިން މުބާރާތުގައި ބައިވެރިވާ ނަމަ، ރަޖިސްޓްރީ ވުމަށް ބެލެނިވެރިޔަކާ އެކު ދިއުމަށް ރީފްސައިޑުން އެދެ އެވެ.

ރީފްސައިޑުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ 23 ވަނަ ދުވަހު މުބާރާތަށް ހޮވޭ ފަރާތްތަކުގެ ނަންތައް ފޭސްބުކް މެދުވެރިކޮށް އިއުލާނު ކުރާނެ ކަމަށެވެ.

މުބާރާތް ކުރިއަށް ދާނީ 24 ވަނަ ދުވަހު ރީފްސައިޑު ސޮނީ ސެންޓަރުގަ އެވެ.

ރައުންޑުތަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެ ބައިވެރިއަކު ވެސް ދެ ރައުންޑުން މޮޅުވާން ޖެހޭނެ އެވެ.

މުބާރާތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ރީފްސައިޑުން ވިޔަފާރި ކުރުމަށް 7000 ރުފިޔާގެ ވައުޗާއެއް ލިބޭ އިރު، ދެވަނަ އަށް އަންނަ ފަރާތަކަށް 3000 ރުފިޔާގެ ވައުޗާ އެއް ލިބޭނެ އެވެ.