އަންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމަށް ކުރިއަށް ގެންދާ މަހާސިންތާގެ ތިން ވަނަ ބުރުގެ ބައިވެރިންނަށް އެމަނިކުފާނު ހާއްސަ ސެޝަނެއް ނަންގަވައިދެއްވައިފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، އެ ސެޝަން ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުގެ މެންދުރު ފަހުގައި ކަމަށެވެ.

"އިއްޔެގެ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮތް ކަމަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މަހާސިންތާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ބައިވެރިންނަށް ހާއްސަ ސެޝަނެއް ނަންގަވައިދެއްވުން،" މުއާޒު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ސެޝަންގައި އެމަނިކުފާނު މައިގަނޑުގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ އެމަނިކުފާނުގެ މަސައްކަތްޕުޅާއި، އަދި ސަރުކާރުގެ ސިޔާސަތުގެ މައްޗަށް ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާވެސް ބައިވެރިންނާ ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ސެޝަންގައި މަހާސިންތާގެ ބައިވެރިންނަށް ސުވާލުތަކަށްވެސް ރައީސް ޔާމީން ވަނީ ޖަވާބުދެއްވާފަ އެވެ.

ިއިއްޔެ ވަނީ މަހާސިންތާގެ ބައިވެރިންނަށް ޓީމެއްގައި މަސައްކަތް ކުރުމާ ލީޑަރޝިޕުގެ މައުލޫމާތު ދީފައެވެ. އަދި ގޮފިތަަކުގައި މަސައްކަތް ކުރާނެ ގޮތާއި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ވަނީ ކިޔައިދީފަ އެވެ.

އެ ސެޝަންތައް ނަގައިދީފައި ވަނީ އެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ގާބިލް ފަރާތްތައް ކަމަށް މުއާޒު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިފްތިތާހު ވެގެންދިޔަ މަހާސިންތާގެ ތިންވަނަ ބުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ މިރޭ އެވެ.

މަހާސިންތާގެ ތިން ވަނަ ބުރު ހާއްސަކޮށްފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށެވެ.

މަހާސިންތާގެ ތިން ވަނަ ބުރު ނިމުމަކަށް އައިސްފައިވާއިރު، މިހާތަނަށް މަހާސިންތާގައި 400 ށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ ކަމަށް ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން ވަނީ ބުނެފަ އެވެ.

އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުން އެ ޕާޓީގެ މަންދޫބުން އެކަންޏެވެ.