ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ ތަމްރީނު ޕްރޮގުރާމެއް ފަށައިފި އެވެ.

މިއަދު ހެނދުނު 09:00 ހަވީރު 04:00 އަށް ށ. ފުނަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގުރާމްގެ މަގުސަދަކީ، ސުޒުކީ އައުޓްބޯޑު އިންޖީނު ގެންގުޅޭ ފަރާތްތަކުން، އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އަމިއްލަ އަށް ދެނެގަނެ އެ ކަންތައްތަކަށް އަހުލުވެރި ކުރުވުން ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް އެމްޓީސީސީ އިން ށ. ފުނަދޫގައި ކުރިއަށް ގެންދާ ޕްރޮގުރާމްގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ

އެ ޕްރޮގުރާމްގައި އެ އަތޮޅުގެ ހަތް ރަށަކުން ޖުމްލަ 45 ފަރާތެއް ބައިވެރިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އަދި ކުރިއަށް އޮތްތާނގައި އެ ޕްރޮގުރާމް ސިލްސިލާ ގޮތެއްގައި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީ އަކީ ޔަންމާ އިންޖީނާއި ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ކާސްޓްރޯލް އަޑީ ތެލާއި ސިގްމާ އެންޓިފައުލިން ސިސްޓަމްގެ އިތުރުން ސްކޮޓު ބާޑާ ބޯޓު ބިލްޑިން ކޮންޕޮސިޓުގެ ރާއްޖޭގެ އެޖެންޓެވެ.