19 Mar 2016, 12:22
ޔޫރޮޕާ ލީގް ކުއާޓާ ފައިނަލްގައި ކުރީގެ ކުލަބް ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ނިކުންނައިރު އެ ޓީމަށް ލިވަޕޫލް ތައާރަފްކޮށް ދޭން ކެތް މަދުވެފައި ހުރިކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
"ޑްރޯއާ ދޭތެރޭ ވަރަށް ހިތް ހަމަޖެހިފަ މިހުރީ. އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތް ހަމެޖެހުމެއް އެއީ އަހަރެންގެ ކުރީގެ ކުލަބަށް މި ކުޅުންތެރިންނާ މި ސަޅި ދަނޑު ދައްކާލުމަކީ. އެކަމަށް މިހުރީ ކެތް މަދުވެފައި،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މުބާރާތުގައި ކުރިއަށް ދެވޭނީ ވަރުގަދަ ޓީމް ތައް ބަލިކޮށްގެން ކަމަށާއި ޑޯޓްމަންޑްގެ ކުޅުންތެރިންގެ ހުނަރާއި މެދު ޝައްކު އުފައްދާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
"އިދިކޮޅަށް މިއޮތީ ވަރުގަދަ ޓީމެއް. ނަމަވެސް އަހަރެމެންނަކީ ވެސް ދަށް ޓީމެއް ނޫން. އެންމެންނަށް ވެސް އެނގޭނެ ލިވަޕޫލްގެ އެންމެ ފުރިހަމަ ކުޅުން ފެންނަނީ ވަރުގަދަ ޓީމް ތަކާ ދެކޮޅަށް ކަން،" ކްލޮޕް ބުންޏެވެ.
ޑޯޓްމަންޑްގެ ކޯޗެއްގެ ގޮތުގައި ކްލޮޕް ހޭދަކުރި ހަތް އަހަރުގެ ތެރޭގައި ދެ ފަހަރު ލީގް ކާމިޔާބް ކޮށްފައިވާއިރު މިދިޔަ އަހަރު ޖޫން މަހުގައި ލިވަޕޫލާއި ހަވާލުވި ކްލޮޕް އަށް "ޑޯޓްމަންޑް ވަރަށް ރަނގަޅަށް އެގޭނެ" ކަމަށް ވެސް އޭނާ ބުންޏެވެ.
ލިވަޕޫލް އާއި ޑޯޓްމަންޑް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ، ޑޯޓްމަންޑްގެ ދަނޑުގައި އަންނަ މަހު އަށް ވަނަ ދުވަހުއެވެ.
ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަށް ކުޅޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.