އަޑު އިވުމުން މަހުރޫމް ވެފައިވާ އަންހެނަކަށް، އަޑު އިވުމުގެ ނަސީބު ލިބުމާ އެކު އެންމެ ފުރަތަމަ ވެސް އިވުނީ ލޯބިވެރިޔާ ކައިވެންޏަށް އެދުނު އަޑެވެ.

ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން، ކެވިން ޕީކްމަން ކިޔާ މީހަކު، އޭނާގެ އަޑު އިވުމުން މަހުރޫމް ވެފައިވާ ލޯބިވެރިޔާ އެންޑްރިއާ ޑިއާޒް ގާތުން ކައިވެންޏަށް އަހަ އެވެ. އެވަގުތު އެމީހުން ތިބެނީ ވެސް ޑޮކްޓަރުގެ ކޮޓަރީގަ އެވެ.

ކެވިން އޭނާގެ ލޯބިވެރިޔާ އެންޑްރިއާ ގާތުން އިންނަން އަހަނީ، އެންޑްރިއާގެ ކަންފަތުގައި އަޑު އިވުމަށް މަގުފަހިވާ ޑިވައިސްއެއް އިންޕްލާންޓު ކުރުމުންނެވެ.

އެގޮތުން އެއް ކަކޫ މައްޗަށް ތިރިވެ އިނދެ ކެވިން އޭނާގެ ލޯބިވެރިޔާއަށް ޕްރޮޕޯސް ކުރަމުން ބުނަނީ، އެންޑްރިއާ އަށް އަޑު އިވޭ ވަގުތު އެންމެ ފުރަތަމަ ވެސް އިއްވަން ބޭނުން ވަނީ ކައިވެނި ކުރުމަށް އެދޭ އަޑު ކަމަށެވެ.

"އަހަރެން ބޭނުން ވަނީ އެންޑްރިއާ އަށް އަޑުއިވޭ އެންމެ ފުރަތަމަ ވަގުތު ވެސް، އަހަރެން އެންޑްރިއާ ގާތުން ކައިވެންޏަށް އަހާ އަޑު އިއްވަން،" އެ ވީޑިއޯގައި ކެވިން ބުނާ އަޑު އިވެ އެވެ.

އޭގެ ޖަވާބަކަށް ކަރުނުން ފޯވެފައިވާ އެންޑްރިއާ ބުނަނީ، "އާނއެކޭ" މިހެންނެވެ. އަދި "އަހަންނަށް މިހާރު އަޑު އިވޭ" ކަމަށް ވެސް އެންޑްރިއާ ބުނެ އެވެ.