ދުނިޔެއަށް ޓަކައި އެއްގަނޑި އިރު ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ "އާތު އަވާ" މިރޭ 8:30 އިން 9:30 އަށް ފާހަގަކުރަން ނިންމާފައިވާ އިރު އެހެން އަހަރުތަކާ ހިލާފަށް މިފަހަރު މިވަނީ ގިނަ ބައެއްގެ ޝައުގުވެރިވާ ފަދަ ހަރަކާތެއް ހިންގަން ނިންމައިފަ އެވެ. އެއީ ތަރި ބަލާލުމުގެ ފުރުސަތު ދޭ ހަރަކާތެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ އާތުއަވާ ފާހަގަ ކުރަން ނިންމާފައިވާ އިރު މިރޭ 8:00 އިން ފެށިގެން 10:00 އަކަށް "ސްޓާ ޕާޓީ" އެއް ބޭއްވުމަށް ރެޑް ކްރެސުންޓުން ވަނީ ނިންމައިފަ އެވެ. އެގޮތުން "ސައިންސް އެންމެނަށް" ފަރާތުން އެ ސަރަހައްދުގައި ޓެލެސްކޯޕްތައް ބަހައްޓައި ތަރިބެލުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.

"ތަރިބެލުމުގެ އިވެންޓެއް މިއީ ބޭއްވޭ އިވެންޓެއް، ޓެލެސްކޯޕް ބަހައްޓައިގެން ބެލުމުގެ އިންތިޒާމް އޮތީ ހަމަޖައްސާފައި، ސުޓާ ޕާޓީއެކޭ މިކިޔަނީ، ހުންނާނެ ސެޓަޕެއް ހަދާފައި." އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ މައީދު މުހައްމަދު ޒާހިރު ވިދާޅުވި އެވެ.

މައީދު ވިދާޅުވީ އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގެ އެޕާކްގައި މިއުޒިކް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު އީކޯކެއާގެ ފަރާތުން ތިމާވެއްޓާ ގުޅޭ އެކި މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކަކުން ގެތައް ނިއްވާލައި ވީހާ ވެސް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ދިއުމަށް އެދޭ ކަމަށް މައީދު ވިދާޅުވި އެވެ.

ހުޅުމާލޭގެ އިތުރުން މާލޭގެ އެކިއެކި ހިސާބުތަކުގައި އާތު އަވާ ފާހަގަ ކުރުމުގެ ކުދި ކުދި ހަރަކާތްތައް ހިންގުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މައީދު ވިދާޅުވި އެވެ.

އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން އެކުވެރިން ނުވަތަ އާއިލާތައް އެއްތަނަކަށް އެއްވެ އުއްބައްތި ދިއްލުން ފަދަ ހަރަކާތްތަކަކީ ހިންގަމުން އަންނަ ހަރަކާތްތަކެވެ.

ބައިނަލް އަގުވާމީ ގޮތުން އާތު އަވާ ފާހަގަކުރަން ފަށާފައި ވަނީ 2008 ވަނަ އަހަރު އެވެ. އާތު އަވާ ފާހަގަ ކުރަނީ ތިމާވެށީގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި ކަރަންޓް ބޭނުން ކުރުން މަދު ކުރުމުގެ ގޮތުންނެވެ.

ތިމާވެއްޓަށް ޓަކައި ކޮންމެ އަހަރެއްގެ އެއް ގަޑިއިރު ފާހަގަކުރަން އިސް ނެގީ، ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވަމުންދާ އެންމެ ބޮޑު ޖަމިއްޔާ، ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ، ވޯލްޑް ވައިލްޑްލައިފް ފަންޑް ޑަބްލިޔޫޑަބްލިޔޫއެފް އިންނެވެ.