19 Mar 2016, 12:30
ސިއްހީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ފަށާ ކޯސްތަކުގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
ނޭޕާލުގެ ޓްރިބްވާން ޔުނިވާސިޓީ އިން ފަށާ ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ދިހަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 10 ދާއިރާކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލި އިރު، ކޮންމެ ދާއިރާ އަކުން ފުރުސަތު ދެނީ އެންމެ ފަރާތަކަށެވެ.
ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް:
1 އެނެސްތީސިއޮލޮޖީ (އެމް.ޑީ)
- 1 އިންޓަރނަލް މެޑިސިން (އެމް.ޑީ)
- 1 އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ (އެމް.ޑީ)
- 1 އޮފްތަމޮލޮޖީ (އެމް.ޑީ)
- 1 ޕީޑިއެޓްރިކްސް (އެމް.ޑީ)
- 1 ސައިކޭޓްރީ (އެމް.ޑީ)
- 1 ރޭޑިއޯޑައިގްނޯސިސް (އެމް.ޑީ)
- 1 އީ.އެން.ޓީ (އެމް.އެސް)
- 1 ޖެނެރަލް ސާޖަރީ (އެމް.އެސް)
- 1 އޯތޯޕީޑިކްސް (އެމް.އެސް)
އެ ޑިޕާޓުމަންޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ސްކޮލާޝިޕަށް ކުރިމަތިލެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެ، ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
ހަޔަ އެޑިއުކޭޝަނުން ބުނީ އެ ސްކޮލާޝިޕްގެ ދަށުން މަތީތައުލީމު ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި ފަސް އަހަރު ދުވަހު ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށެވެ.
ސްކޮލާޝިޕަށް ފޯމް ހުށަހަޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.