28 Apr 2011, 10:27
އިންޑިއާގެ ވިޔަފާރި ކުންފުނި ޖީވީކޭ އާއި އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ ގުޅިގެން ހިންގާ މުމްބާއި އިންޓަނޭޝަނަލް އެއާޕޯޓުން ޑިވެލޮޕްމެންޓްފީގެ ގޮތުގައި އެއާޕޯޓް ބޭނުންކުރާ މީހުންގެ އަތުން ފީނުނެގުމަށް އިންޑިޔާގެ ސްޕްރީމްކޯޓުން އަމުރުކޮށްފި އެވެ.
އިންޑިޔާގެ ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހަމައެކަނި މަރުކަޒީ ސަރުކާރުން ދީފައިވާ ސިޓީއަކަށް ބިނާކޮށް އެއާޕޯޓުން ޑިވެލޮޕްމެންޓް ފީއެއް ނުނެގޭނެ ކަމަށެވެ. ނަމަވެސް ފީނެގޭނީ އެއާޕޯޓްގެ އިކޮނޮމިކް ރެގިއުލޭޓަރީ އޮތޯރޮޓީން އެކަމަށް ހުއްދަ ދިނުމުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
އިންޑިޔާގެ ސްޕްރީމް ކޯޓްގެ މި ނިންމުމާ ގުޅިގެން އިންޑިޔާގެ ވެރިރަށް ދިއްލީގެ އެއާޕޯޓް ހިންގަމުން އަންނަ ޖީއެމްއާރު ގްރޫޕަށް ޑިވަލޮޕްމެންޓް ފީނެގޭނީ ހަމައެކަނި ދިއްލީ އެއާޕޯޓުންނެވެ.
ޖީއެމްއާރު ގްރޫޕްގެ ސީއެފްއޯ ޝަރަތު ކަޕޫރު ވިދާޅުވެފައި ވަނީ އެއާޕޯޓް އިކޮނޮމިކް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ދިއްލީ އެއާޕޯޓުން ފީނެގުމުގެ ހުއްދަ ދީފަ އެވެ.
ނަމަވެސް އިންޑިޔާގެ ސްޕްރީމް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ދިއްލީ އެއާޕޯޓުން ވެސް ފީނެގޭނީ އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ނިމެންދެނެވެ. ދެ ހާސް ހަ ވަނަ އަހަރު ޖީއެމްއާރުން ހިންގަން ފެށި ފަހުން ދިއްލީ އެއާޕޯޓުން އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި ގާތްގަނޑަކަށް 10 ބިލިޔަން އިންޑިއަން ރުފީސް ލިބިފައިވެ އެވެ. ދިއްލީގެ އިންދިރާގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުން އަތުން ޖީއެމްއާރުން ނަގަނީ 12 ޑޮލަރެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުވި ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ގޮތުން އަންނަ އަހަރުން ފެށިގެން މާލޭ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނެގުމުގެ ހުއްދަ ވަނީ ދީފަ އެވެ.