މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލް އަނެއްކާވެސް އެކުގައި ފެނިގެންދާ ފިލްމު "ވާށޭ މަށާއެކީ" ގެ މޭކިން ރިލީޒު ކޮށްފި އެވެ. އެ ފިލްމުގެ މޭކިްނ ރިލީޒު ކޮށްފައި ވަނީ ޔޫޓިއުބްގަ އެވެ.

މޭކިންގައި ކާސްޓުން ވަނީ ފިލްމުގައި މަޖާ ގިނަ ކަންތައްތަކެއް ހިނގައިދިޔަ ކަން ފާހަގަކޮށްފަ އެވެ. އަދި އެ ފިލްމަށް ކާސްޓުން ހޮވުމުގައި ބެލި ކަންތައްތައްވެސް މޭކިންގައި ޕްރޮޑަކްޝަން ޓީމުން ވަނީ ހިއްސާކޮށްފަ އެވެ.

އަންނަ އޭޕްރިލް ފަސް ވަނަ ދުވަހު ރިލީޒު ކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ، ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންވާ ފިރިހެން ކުއްޖަކާއި، މީހަކާ އިނދެގެން ވަރަށް ބައިވަރު ދަރިން ހޯދަން ބޭނުންވާ އަންހެން ކުއްޖެގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ޑާކްރެެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެ ފިލްމުގެ ޓުރެއިލާ އާއެކު، ދެ ލަވައެއްވެސް މީގެ ކުރިން ވަނީ ރިލީޒުކޮށްފައެވެ. އެ ފިލްމުގެ ދެ ލަވަ ވެސް ކިޔާފައިވަނީ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ) އެވެ.

މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.