19 Mar 2016, 10:14
ފޭސްބުކް މެސެންޖަރ އެޕަށް ޚާއްސަކޮށްގެން، އޮންލައިން އެޕް ޑިސްޓްރިބިއުޓިންގ ޕްލެޓްފޯމެއް އުފައްދަން އުޅޭކަމުގެ އަޑު ފެތުރެން ފަށައިފި އެވެ.
ގޫގްލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ ފަދައިން މަސައްކަތް ކުރާނެ "މެސެންޖަރ ބޮޓް ސްޓޯރ"ގެ ވާހަކަ، ކުރިޔަށް އޮތް އެފް8 ކޮންފެރެންސްގައި ފޭސްބުކުން އިއުލާނު ކުރާނެ ކަމަށް ބެލެވޭ އިރު، ބޮޓް ސްޓޯރަކީ އެޕަލް އެޕްސްޓޯރަށް ވުރެ މާ ނުފޫޒު ގަދަ ޕްލެޓްފޯމަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.
ސަބަބަކީ، 2008 ވަނަ އަހަރު އެޕަލްއިން އެޕްސްޓޯރ އުފެއްދި އިރު، ދުނިޔޭގައި އައިފޯނު ބޭނުންކޮށް އުޅެނީ އެންމެ ހަ މިލިޔަނެއްހާ މީހުންނެވެ. ނަމަވެސް ފޭސްބުކް މެސެންޖަރ ބޮޓް ސްޓޯރ އިއުލާނު ކުރަން އުޅޭ އިރު، ފޭސްބުކް މެސެންޖަރ ބޭނުންކުރާ މީހުންގެ އަދަދު 800 މިލިޔަނާ ގާތް ކުރެ އެވެ. އެހެންކަމުން، ބޮޓް ސްޓޯރގެ ބޭނުން ހިފާނެ މީހުންގެ ނިސްބަތް ވެސް މާ ބޮޑު ތަން އިތުރުވާނެ އެވެ.
މެސެންޖަރ އެޕްލިކޭޝަން މެދުވެރިކޮށް ބޭނުންކޮށްލެވޭނެ އެކި ކަހަލަ އޮޓޮމޭޓެޑް އެޕްލިކޭޝަންތަކެއް މެސެންޖަރ ބޮޓް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށް ބެލެވެ އެވެ.
އަދި މީގެ އިތުރުން، ޕިއްޒާ ޑެލިވަރީ ހަދައިދޭ ތަންތަނުން އުފައްދާ އެޕްތަކާއި، ސިނަމާ އެޕްތައް ބޭނުންކޮށްގެން ޕިއްޒާއަށް އޯޑަރުކޮށް، ސިނަމާ ޓިކެޓާއި އަދި ރެސްޓޯރަންޓްތަކުން މޭޒު ރިޒާވް ކުރުމާއި، ބޭންކު އެކައުންޓް ބެލެންސް ބެލުމާއި ފްލައިޓު ޝެޑިއުލް ބެލުން ފަދަ ކަންކަން މެސެންޖަރ މެދުވެރިކޮށް ކުރެވޭނެ ކަމަށް ބެލެވެ އެވެ.