19 Mar 2016, 10:03
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައިޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއިޖީއެސްޓީ ދައްކާފައި ނުވާ 106 ފަރާތެއްގެ މައުލޫމާތު މީރާ އިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ 103 ފަރާތަކާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޓެކްސް ނުދައްކާ ތިން ފަރާތެއްގެ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
"ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ. އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ،" މީރާއިން ބުންޏެވެ.
މީރާ އިން ބުނީ، ނަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ފައިސާ ދައްކައިފި ނަމަ އެ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.