19 Mar 2016, 09:54
އިންޑިއާގެ ނޫސްތަކުން މި ދުވަސްވަރު ފެންނަ އެންމެ އާންމު އެއް ހަބަރަކީ އަމިތާބު ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓެއްގެ ވާހަކައެވެ. ދާދިފަހުން ނޭނގުމެއްގެ ތެރެއިން އަމީތާބު ވެސް ވަނީ އެ އެކައުންޓަށް ރެސްޕޮންޑު ކޮށްފަ އެވެ.
އެހެންނަމަވެސް އެއީ އޭނާގެ ކާފަ ދަރިފުޅުގެ އަަސްލު އެކައުންޓެއް ނޫން ކަމަށާއި އެއީ އޭނާގެ ނަމުގައި ބަޔަކު ހަދައިގެން އުޅޭ ފޭކު އެކައުންޓެއްކަން އަމީތާބު ވަނީ ޓުވިޓާ މެދުވެރިކޮށް މީހުންގެ ސަމާލުކަމަށް ގެނެސްދީފަ އެވެ.
އަމީތާބު ކުރި ޓުވީޓުގައި ބުނެފައިވަނީ، އޭނާގެ ކާފަ ދަރިފުޅުގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓަކީ "ފޭކު" އެކައުންޓެއް ކަމަށެވެ. އަދި އެކަމާ އެންމެން ސަމާލު ވުމަށެވެ.
"އަހަރެންގެ ކާފަ ދަރިފުޅު ނަވްޔާ ނަންދާ ޓުވީޓާ ބޭނުމެއް ނުކުރޭ. އެއީ ފޭކު އެކައުންޓެއް. އަހަންނަށް އެ އެކައުންޓަށް ރެސްޕޮންޑު ކުރެވުނީ އޮޅުމަކުން. ސާމާލު ވޭ،" އަމީތާބު ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
ޓުވީޓާ ބޭނުން ނުކުރި ނަމަވެސް، ނަވްޔާ އަކީ އިންސްޓާގުރާމް ކުރުމުގައި ވަރަށް ކުރީގައި އުޅޭ ކުއްޖެކެވެ. ހަމައެއާއެކު އޭނާ އަކީ އެންމެ އުންމީދީ "ކިޑްސް ސްޓާސް" ނުވަތަ މުސްތަގުބަލުގައި ފިލްމުތަކުން ފެންނާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ތަރިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.