19 Mar 2016, 09:46
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ސްޕެނިޝް ޖަޔަންޓް ބާސެލޯނާ ވަނީ އެ ކްލަބުގެ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 3-1ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް، އާސެނަލްގެ ކޯޗު އާސެން ވެންގާ ގަބޫލުކުރާ ގޮތުގައި ލުއިސް އެންރިކޭގެ ބާސާ މިހާރު އޮތީ މީގެ ކުރީން އެ ކްބަލްގެ ފެންވަރު ދަށަށް ނުދާހާ ވަރަށް ބަލިކަށިވެ، ބަލިކުރާން ފަސޭހަ ހާލަތަކަށް ވެއްޓިފައެވެ.
ވެންގާ ގަބޫލުކުރާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި އިނގިރޭސި ކްލަބްތަކަށް ޗެމްޕިއަންސް ލީގުގައި ބާސާފަދަ ކްލަބްތައް ބަލިކުރެވޭނެއެވެ.
ޔޫރަޕުގެ މަތީފެންވަރުގެ މުބާރާތްތަކުގައި އިނގިރޭސި ކްލަބްތަކަށް ކާމިޔާބު ހޯދޭނީ ކިހިނަކުންތޯ ސުވާލުކުރުމުން ވެންގާ ބުނީ، "މިތަނަށް [އިންގްލެންޑަށް] މޮޅު ކުޅުންތެރީން ގެންނަން އެބަ ޖެހޭ. ފުޓްބޯޅަ ބިނާވެފައި މި އޮންނަނީ ކުޅުންތެރީންގެ ފެންވަރުގެ މައްޗަށް،" ކަމަށެވެ.
ވެންގާ ބުނީ، ކުރިއަށް އޮތްތަނުގައި އިންގްލޭންޑް ކްލަބްތަކަށް ރަނގަޅު އާމްދަނީއެއް ލިބި، މޮޅެތި ކުޅުންތެރީން ކްލަބްތަކާ ގުޅެމުންދާނޭ ކަމަށާއި، އިނގިރޭސި ކްލަބްތަކުގެ ކާމިޔާބީއާ ގުޅޭ ގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބު އޭރުން ލިބޭނޭ ކަމަށެވެ.
އިނގިރޭސި ކްލަބްތައް މީގެ ކުރީން، އަބަދުވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ނުވަތަ ސެމީއާ ހަމައަށް ދަތުރު ކުރާ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި އެކަން އަލުން ތަކުރާރުވާން ފަށާނޭ ކަމަށްވެސް ވެންގާ ބުންޏެވެ.
"މި ކްލަބްތަކަކީ [ބާސާ އަދި ބަޔާން ފަދަ ކްލަބް ތަކަކީ] ނުހިފެހެއްޓޭ ވަރުގެ ކްލަބްތަކެއް ނޫން. ބާސާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗާ ދޭތެރޭގައި އަހަރެން އެންމެ ހިތާމަކަމަކީ، އެ ކްލަބް މިއިން ދުވަހަކުވެސް ނުވާވަރަށް ބަލިކުރަން ފަސޭހަ ހާލަތެއްގައި އޮއްވައި ބަލި ނުކުރެވުން،" ބާސާއަކީ މިހާރު އާސެނަލަށް ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫންކަން ފާހަގަކުރަމުން ވެންގާ ބުންޏެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ ވާދަވެރިކަން ބޮޑުވުމަކީ ވެސް އިނގިރޭސި ކްލަބްތަކަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް އޮތް ގޮންޖެހުމެއް ކަން ވެންގާ ފާހަގަކުރިއެވެ. އެގޮތުން ފްރާންސް ލީގު ޕީއެސްޖީން މިހާރު ކަށަވަރު ކޮށްފައިވާއިރު، ބާސާއާ ބަޔާންވެސް މިހާރު ވަނީ ލީގު ދިފާއުކުރެވޭނެކަން ޔަގީނާ ގާތަށް ގޮސްފައިކަމަށް ވެންގާ ބުންޏެވެ.
ވެންގާ ބުނީ، "ޕްރިމިއާ ލީގު އަބަދުވެސް އެއަށް ވުރެ ވާދަވެރި. އަދި ލީގު ކާމިޔާބުކުރިމަކީ އެހާ ފަސޭހަކަމެއް ނޫން،" ކަމަށެވެ.