މޮސްކޯ (19 މާޗު 2016) -- ފްލައިދުބާއީގެ އެފްޒެޑް981 ރަޝިޔާގެ ރަސްތޯވު ނަ ދޯނޫ އަށް ވެއްޓި އެ ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ދުބާއީ އިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ފްލައިޓް ވެއްޓިފައި ވަނީ ރަޝިޔާއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ފްލައިޓު ވެއްޓުނު އިރު ބޯޓުގައި 55 ފަސިންޖަރުންނާއި ހަތް ކްރޫ މެމްބަރުން ތިއްބެވެ. ފްލައިޓު ވެއްޓި ހިނގި ހާދިސާގައި އެންމެން ވެސް މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ފަސިންޖަރުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ އިރު، ހުރިހާ ފަސިންޖަރުންނަކީ ވެސް ރަޝިޔާގެ ރައްޔިތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަޝިޔާގެ އެއާ ޓްރެފިކް ކޮންޓްރޯލް އަދި ލޯކަލް އެމަޖެންސީ ސާވިސަސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޖައްސަން އުޅެނިކޮށް ބޯޓު ރަންވޭ އިން ނެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަންވޭ ފުސްވެ ރަނގަޅަށް ދުރު ނުފެނުމުގެ ސަބަބުންނެވެ.

ހަބަރުތައް ބުނާގޮތުން ބޯޓު ވެއްޓުމަށް ފަހު، ބޯޓުގައި ވަނީ ރޯވެފަ އެވެ. އަދި ރޯވި އަލިފާންގަނޑު ނިއްވާލަން ގަޑިއެއްހާ އިރު ނެގި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ބޯޓު ވެއްޓުމުގެ ސަބަބުން ރަސްތޯވް ނަ ދޯނޫ އެއާޕޯޓުގެ ރަންވޭ ވަނީ ބަންދުކޮށްފަ އެވެ. އަދި މިހާރު އެ ހާދިސާ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު: ރޮޢިޓާސް އަދި ބައެއް އެޖެންސީތައް