18 Mar 2016, 23:39
ދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަން ފިރިހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)އިން ހޯދައިފިއެވެ.
ދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަން ފިރިހެން ބައިގެ ފައިނަލް މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާދުންތަރި އިބްރާހީމް މަނިކްގެ ހަނދާނުގައި ކުރިއަށް ގެންދާ މި މުބާރާތުގެ 8 ވަނަ އެޑިޝަން ދިރާގުން ކާމިޔާބުކުރީ، ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލްގައި މިރޭ ކުޅުނު ފައިނަލްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ވާދަކޮށް ސީދާ 3 މެޗުން ގޭމް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ. އެމްއޭސީއެލް ޗެމްޕިއަންކަން ހޯދީ، ފައިނަލްގައި ދިރާގު އަތުން ސީދާ 3 މެޗުން ގޭމް ކާމިޔާބުކޮށްގެންނެވެ.
ދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަން އަންހެން ބައިގެ ޗެމްޕިއަން އެމްއޭސީއެލް -- ސަން ފޮޓޯ: ފަޔާޒް މޫސާ
މިރޭ ވަނީ މުބާރާތުގެ 2 ވަނަ ޑިވިޝަންގެ ފައިނަލްވެސް ކުޅެފައެވެ. ދެވަނަ ޑިވިޝަން ކާމިޔާބުކުރީ، މަލަހިނި ކުޑަ ބަނޑޮސް ޓީމެވެ. އެޓީމު ގޭމް ކާމިޔާބުކުރީ ފައިނަލްގައި އެމްއޭސީއެލް އާ ވާދަކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަންގެ ތިންވަނަ ހޮވާ ގޭމް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައެވެ. އެ ގޭމް ދިރާގާ ވާދަކޮށް 3-1 އިން ކާމިޔާބުކުރީ ޖުމެއިރާ އެވެ.
ދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޝަން ފިރިހެން ބައިގެ ޗެމްޕިއަން މަލަހިނި ކުޑަބަނޑޮސް -- ސަން ފޮޓޯ: ފަޔާޒް މޫސާ
މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މެޑައްޔާއި ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ބޭރުގެ އެމްބަސީތައް ހިމެނޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމުލަ 16 މުއައްސަސާއަކުން 19 ޓީމު މިފަހަރު ވާދަކުރިއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.
****