18 Mar 2016, 23:10
ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވެ، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ކ. ވެލައްސަރު ރިސޯޓު ކައިރީގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވީ ޑިންގީގައި ހުރި މީހަކަށެވެ. އޭނާއާއެކު އިތުރު މީހަކު ވެސް އެ ޑިންގީގައި ދަތުރު ކުރި އެވެ. ނަމަވެސް އަނިޔާތަކެއް ނުލިބި އޭނާ ވަނީ ސަލާމަތްވެފަ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިންގުމާއެކު، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯންޏަކަށް އެ ދެ މީހުން ނެގި ކަމަށާއި އެ ދެ މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ފުލުހުންގެ އުޅަނދެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ޑިންގީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގުމާއެކު ޑިންގީގައި ހުރި އިންޖީނު ނެއްޓި، އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.