18 Mar 2016, 22:09
ދިރާގުން ރާއްޖޭގައި ސެމްސަންގް ގެލްކްސީ އެސް7 ސީރީސްގެ ފޯނުގެ ގްލޯބަލް ލޯންޗްކުރުމަށް ހަމަޖައްސައިފިއެވެ.
ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން ސީރީސްގެ ގްލޯބަލް ލޯންޗް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޚާއްސަ ހަފްލާ، މާދަމާރޭ 8 ން ފެށިގެން ދިރާގު ހެޑްއޮފީހުގައި ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މި ހަފްލާގައި، ޕްރީ އޯޑަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވެ، ފައިސާ ދައްކަވާފައިވާ ހުރިހާ ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، އެކަސްޓަމަރުންގެ މެދުގައި ނެގޭ ވަރަށް ހާއްސަ ގުރުއަތަކުން ހޮވޭ، ނަސީބުވެރި 8 ފަރާތަކަށް ސެމްސަންގް ގިއަރ ވީއާރް ޑިވައިސްއެއް، އެބޭފުޅެއްގެ ފޯނާއިއެކު މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އެކު ރަސްމީކޮށް ރާއްޖޭގައި ސެމްސަންގްގެ އެންމެ ފަހުގެ މި ފޯނުތައް ތައާރަފް ކުރެވިގެންދާއިރު، މި ހަފްލާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ސެމްސަންގް ކުންފުނީގެ ސްރީ ލަންކާ އޮޕަރޭޝަންސްގެ މެނޭޖިންގ ޑައިރެކްޓަރ ޔަންގްމިން ޝިން ވެސް މިވަގުތު ހުންނެވީ ރާއްޖޭގައެވެ.
"ގްލޯބަލް ލޯންޗާއި އެއް ތާރީޙެއްގައި މި ފޯނުތައް ލޯންޗްކުރެވިގެންދާއިރު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ފޯނުތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެކެވެ. ދިވެހިންނަކީ ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ ސްމާޓް ޑިވައިސްތަކަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަކަށް ވާއިރު، ކަސްޓަމަރުންނަށް ފަސޭހަފުޅު ގޮތަކަށް މި ފޯނުވެސް ލިބުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްސަދުގައި އަޅުގަނޑުމެން މިވަނީ ހާއްސަ އިންސްޓޯލްމަންޓް ޕްލޭން ތަކެއްވެސް ތައާރަފްކޮށްފައެވެ. އަދި ސެމްސަންގް ކުންފުންޏާއި ގުޅިގެން ރަސްމީކޮށް މިފޯން ލޯންޗްކުރުމުގެ ފުރުސަތު ދިރާގަށް ލިބިގެން ދިޔުމަކީ އެކަމާއި މެދު އަޅުގަނޑުމެން ވަރަށް އުފާކޮށް ފަޙުރުވެރިވާ ކަމެކެވެ." ދިރާގުން ބުންޏެވެ.
ސެމްސަންގް އެސް7 ސީރީސްގެ ފޯނުތައް މާދަމާރޭ ލޯންޗްކުރެވިގެންދާއިރު، މި ފޯނުތަކަކީ ދިރާގުގެ ނެޓްވޯކުގައި ޓެސްޓް ކުރެވި ރަސްމީކޮށް އެންޑޯސްކުރެވިފައިވާ ފޯން ސީރީސްއެއްކަމުގައިވެސް ދިރާގުން މައުލޫމާތު ދެއްވައެވެ.