18 Mar 2016, 21:57
ދެ ގްރޫޕެެއްގެ ދެމެދުގައި މިރޭ ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ މިރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ގ. މަސްއޮޑިގޭގައި މިރޭ މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ދެ ގްރޫޕެއްގެ ދެމެދުގައި މަސްއޮޑިގޭގައި މިރޭ ހިނގި މާރާމާރީގައި ބައެއް މީހުންނަށް އަނިޔާވި ކަމަށެވެ. އެ މާރާމާރީގައި މަސްއޮޑިގޭގެ ބައެއް ތަކެއްޗަށް ވެސް ގެއްލުންލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވަނީ ވިދާޅުވިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ އެސްއޯ ފުލުހުންގެ ބަޔަކު މަސް އޮޑިގެއަށްވަދެ މާރާމާރީ ހިންގި ކަމަށް ބަޔަކު ތުހުމަތު ކުރަމުންދާތީ އެކަން އެކަން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ މަސްއޮޑި ގޭގައި ހިންގި މާރާމާރީގައި ބައެއް ޒުވާނުންތަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ބައެއް މީހުންގެ ކަންފަތުން ލޭ އައިސްފައިވާއި ބޯ ފަޅައިގެން ގޮސް، ގައިގެ ތަންތަން ނޫފައިގެންފައިވާތަން ފޮޓޯތަކުން ފެނެ އެވެ.

މަސްއޮޑިގޭގައި މިރޭ ހިނގި މާރާމާރީގައި އެގޭގެ ތަކެއްޗަށް ގެއްލުން ލިބިފައި ---- ފޮޓޯ: ކިޔުންތެރިއެއް
އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ މާރާމާރީގައި އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.