18 Mar 2016, 19:11
"އައި ޓީވީ" ގެ ނަމުގައި މުޅިން އާ ހިދުމަތެއް މީޑިއާ ނެޓުން މިއަދު ތައާރަފު ކޮށްފި އެވެ.
މިއަދު ހަވީރު އާޓް ގެލެރީގައި ހުޅުވި "މޯލްޑިވްސް ލިވިން އެކްސްޕޯ 2016" ގައި އަލަށް ތައާރަފް ކުރި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ވިޔަފާރި ވެރިން ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އެވެ.
މީޑިއާ ނެޓުން ބުނީ އެ ހިދުމަތަކީ ކަސްޓަމަރުން ގަޔާވާނެ ހިދުމަތެއް ކަމަށެވެ.
ބައެއް ފަހަރުތަކުގައި ކަސްޓަމަރުން ވަރަށް ބަލަން ބޭނުންވާ ޕްރޮގުރާމެއް ދިމާވާ ކަމެއްގެ ސަބަބުން އެ ޕްރޮގުރާމެއް އަންނަ ވަގުތު ނުބެލިދާ ފަހަރު އަންނަ ކަމަށާއި ނަމަވެސް އައިޓީވީ ހިދުމަތުގެ ސަބަބުން ފަހުން އެ ޕްރޮގުރާމެއް ބަލައިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

"އައި ޓީވީ" ގެ ނަމުގައި އަލަށް މީޑިއާ ނެޓުން މިއަދު ތައާރަފުކުރި ހިދުމަތް އިފްތިތާހުކޮށްދެއްވީ ވިޔަފާރިވެރިން ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް (ވ): ސަން ފޮޓޯ/ ފަޔާޒު މޫސާ
މީޑިއާ ނެޓުން ބުނީ ކުރިއަށް އޮތްތާނގައި އެ ހިދުމަތް އިތުރަށް ފުޅާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ބުނީ އައިޓީވީގެ ހިދުމަތް މިވަގުތު މީޑިއާ ނެޓުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެ ހިދުމަތް ބޭނުންވާ ފަރާތްތަކުން އޯޕަން ޓީވީ މޮޑަމެއް މީޑިއާ ނެޓުން ގަތުމުން އެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ. އަދި ބުނީ އެ މޮޑެމް މިހާރު ވަރަށް ގިނަ ކަސްޓަރަމުންގެ އަތުގައި ހުންނާނެ ކަމަށެވެ.
މިވަގުތު އައިޓީވީގައި 30 ޗެނަލް ހުންނާނެ ކަމަށާއި އެގޮތުން އެ 30 ޗެނަލުން ދައްކާ އެކި ޕްރޮގުރާމުތައް ފަހުން ބަލައިލުމުގެ ފުރުސަތު މީޑިއާ ނެޓުގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.