ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާއަށް މިރޭ ފުރުމަށް ކަރެކްޝަނުން ހުއްދަދީފި އެވެ.

ނާޒިމް މިރޭ ސިންގަޕޫރަށް ފުރަން ހުއްދަދީފައިވާ ކަމަށާއި ދިނީ 21 ދުވަހުގެ މުއްދަތެއް ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލަ ނިންމައި މިދިޔަ ހަފްތާ ހައިކޯޓުން ވަނީ އެހުކުމް ދަމަހައްޓަން ތާއީދުކޮށްފަ އެވެ. ނާޒިމްގެ އާއިލާއިން ބުނެފައި ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދު ނުކުރާ ކަމަށާއި އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ނާޒިމްގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ވަނިކޮށްވެސް ނާޒިމް ވަނީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށް ނާޒިމް ވަނީ ސިންގަޕޫރުގައި 44 ދުވަސް މިދއަ އަހަރުގެ އޭޕްރީލް 10 އަކުންފެށުގެން ވަނީ ހޭދަކުރައްވާފަ އެވެ.

  • ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ

  • 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި
  • ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު
  • 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި
  • ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި
  • 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
  • ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015 ގައި
  • ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ މިއަދު (15 މާޗު 2016) ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއްއަހަރު ފަހުން

ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެއެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައި ވަނީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.