28 Apr 2011, 08:52
އިއާދަ ކުރަނިވި ހަކަތައާ ދިމާއަށް ދުނިޔެ މިސްރާބުޖަހާފައިވާއިރު އެކަމުގައި އެންމެ ފަސޭހައިން ބޭނުން ކުރެވޭ އެއް ވަސީލަތަކީ އިރުގެ އަތްވެވެ. އެހެން ކަމުން ދުނިޔޭގެ ސައިންސްވެރިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ އިރުގެ ހަކަތަ އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން އެމެރިކާގެ ސައިންސްވެރިން މިހާރު ވަނީ އިރުގެ ހަކަތަ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި މުޅިން އާ ގޮތް ބޭނުން ކުރަން ފަށާފައެވެ.
އެމެރިކާގެ މަސަޗުސެޓްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ( އެމްއައިޓީ) ގެ ދިރާސާކުރާ މީހުން ވަނީ އިރުން ލިބޭ ހަކަތަ އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ސޯލާ ސެލްތަކުގެ ތެރޭގައި ކުރަން ޖެހޭ އެންމެ ކުދިކުދި ލޮލަށް ނޭނގޭ ވަރުގެ އެސެމްބްލިންގެ މަސައްކަތްތައް ކުރުމަށްޓަކައި ވައިރަސް ބޭނުން ކުރަން ފަށާފައެވެ.
އިރުގެ ހަކަތަ ކަރަންޓަށް ބަދަލުކުރުމަށް ބޭނުން ކުރާ ސޯލާ ސެލްއެއްގައި އިރުގެ އަވި ޖެހުމުން އެއަވި ލިބިގަންނަނީ އޭގައިވާ އަވި ލިބިގަތުމަށް ހާއްސަކޮށްފައިވާ މާއްދާއަކުންނެވެ. އެއަށް ފަހު އަވީގައިވާ އިލެކްޓްރޯންތައް ވަކިގޮތަކަށް ބަދަލުކޮށް އެއިން ކަރަންޓް އުފައްދައެވެ.
އެމެރިކާގެ ދި ޖާނަލް ނޭޗަރ ނާނޯ ޓެކްނޮލޮޖީގައި ޝާއިއުކޮށްފައިވާ އެމްއައިޓީގެ ދިރާސާ ގައި ހާމަކޮށްފައިވާ ގޮތުގައި ކާބަން ނާނޯޓިއުބް ( ހަމައެކަނި ކާބަން ބޭނުންކޮށްގެން ހަދާފައިވާ ލޮލަށް ނޭނގޭ ވަރުގެ ހޮޅި) ބޭނުންކޮށްގެން ސޯލާ ސެލްއަކަށް އެޅޭ އިރުގެ އަވީގައި އެކުލެވޭ އިލެކްޓްރޯންތައް މާ ރަނގަޅުގޮތެއްގައި އެއްކުރެވެއެވެ.
ބުނެވި ދިޔަފަދަ ނާނޯޓިއުބް ބޭނުންކުރުމަށް ކުރިން ހުރަސްއެޅިފައި އޮތީ ދެސަބަބަކަށްޓަކައެވެ. ފުރަތަމަ ކަމަކީ ނާނޯ ޓިއުބް އުފެއްދުމުގައި ކުރިމަތިވާ މައްސަލައެވެ. އެގޮތުން ޓިއުބް އުފައްދަން ކުރާ މަސައްކަތުގައި ދެވައްތަރެއް އުފެދެއެވެ. އެއްވައްތަރަކީ ކޮންމެވެސް ވަރަކަށް ކަރަންޓް ނަގާ ( ސެމީ ކޮންޑަކްޓަރެއް) ގޮތަށް މަސައްކަތްކުރާ ހޮޅިއެވެ. އަދި އަނެއް ވައްތަރަކީ މައުދަނުގެ ނަރުފައްތަކެއް ގޮތަށް އުފެއްދޭ އެއްޗަކަށް ވެއެވެ.
އެމްއައިޓީން ކުރި ދިރާސާއިން ހާމަވެފައިވާ ގޮތުގައި މިދެވައްތަރުން ކުރަނީ މުޅިން ތަފާތު ދެއަސަރެކެވެ. އެގޮތުން ފުރަތަމައަށް ބުނި ސެމީ ކޮންޑަކްޓަރެއް ގޮތަށް މަސައްކަތް ކުރާ ނާނޯ ޓިއުބަކީ ސޯލާ ސެލްގެ ކަރަންޓް ނެގުމުގެ ގާބިލްކަން އިތުރުކޮށްދޭ އެއްޗެއް ކަމުގައި ވިޔަސް މައުދަންގެ ނަރުފައްތަކެއް ގޮތަށް އުފެދޭ ނާނޯ ޓިއުބް ވެފައިވަނީ ސެލްގެ ގާބިލްކަން ދަށްކުރާ އެއްޗަކަށެވެ. ވައިރަސްގެ ބޭނުން ޖެހެނީ މިހިސާބުންނެވެ.
އެމެރިކާގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ޑަބްލިއު އެމް ކެކް ފައުންޑޭޝަންގެ ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ ޕްރޮފެސަރ އެންޖެލާ ބެލްޝާއާއި އޭނާއާއެކު މަސައްކަތް ކުރާ ދަރިވަރުންނަށް ހޯދުނު ގޮތުގައި އެމް13 ނަމަކަށް ކިޔާ ޖެނެޓިކް ބަދަލު ގެނެސްފައިވާ ވައިރަހެއް މެދުވެރިކޮށްގެން އެއްޗެއްގެ ބޭރުގައިވާ ނާނޯޓިއުބްތައް ބޭނުން ގޮތަކަށް އަތުރާލެވިދާނެއެވެ.
ވައިރަސް ބޭނުން ކޮށްގެން ނާނޯ ޓިއުބްތައް އެކަތި އަނެއްކައްޗާއި ޖެހި ޝޯޓް ނުވާ ގޮތަށް އަތުރާލުމުން އިލެކްޓްރޯން ތަކުގެ ގާބިލްކަން އިތުރުވެއެވެ.
ދިރާސާ ޓީމުން މިކަން ތަޖުރިބާ ކުރުމަށްޓަކައި ބޭނުންކުރީ ޑިސެންސިޓައިޒްޑް ސޯލާ ސެލް ނަމަކަށް ކިޔާ ސޯލާ ސެލްއެކެވެ. އާއްމުކޮށް ސޯލާ ސެލް އުފެއްދުމަށް ބޭނުންކުރާ ސިލިކޯންގެ ބަދަލުގައި އެސެލް އުފައްދާފައި ވަނީ ޓައިޓޭނިއަމް ބޭނުންކޮށްގެންނެވެ. ނަމަވެސް ދިރާސާ ކުރެއްވި ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ކްއެންޓަމް ޑޮޓްއާއި އޯގާނިކް ސޯލާސެލް ފަދަ ތަކެތީގައި ވެސް ކަރަންޓް އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ހަމަ އެގޮތް ބޭނުން ކުރެވިދާނެއެވެ.
ދިރާސާއިން ހާމަވި ގޮތުގައި ވައިރަސް ބޭނުންކޮށްގެން ނާނޯ ޓިއުބްތައް އަތުރާލާ ސޯލާ ސެލްއަކުން ކަރަންޓް އުފެއްދުމުގެ ގާބިލްކަން އެނޫން ސެލްއަށް ވުރެ 10.6 ޕަސެންޓަށް އިތުރުވެގެން ދެއެވެ.
ސޯލާސެލްއެއްގެ ގާބިލްކަން އިތުކުރުމަށްޓަކައި ނޯނޯ ސެލްއާއި ވައިރަސް ބޭނުން ކުރުމުން އެފަދަ ސެލްއެއްގެ ބަރުމިން އިތުރު ވަނީ އެންމެ 0.1 ޕަސެންޓަށެވެ. ދިރާސާގެ ބައިވެރިން ގަބޫލު ކުރާ ގޮތުގައި އަލަށް މިހޯފުނު ޓެކްނޮލޮޖީގެ އެހީގައި އެމީހުންނަށް ކުރިމަގުގައި ސޯލާ ސެލްއެއްގެ ގާބިލްކަން އަދި މިއަށް ވުރެވެސް އިތުރު ކުރެވޭނެއެވެ.
އިރުގެ އަވިން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސޯލާ ސެލް އުފެއްދުމަށް އިންގިލާބެއް ގެނުވި މިދިރާސާގެ ބައިވެރިންނަކީ ޑަބްލިއު އެމް ކެކް ގެ ޕްރޮފެސަރު އެންޖެލާ ބެލްޝާއާއި އޭނާގެ ދަރިވަރުން ކަމަށްވާ ޒިއަންގ ނާން ޑޭންއާއި ހުންޖުން ޔީއެވެ. އަދި ކެމިކަލް އިންޖިނިއަރިން ދާއިރާގެ ޕްރޮފެސަރެއްކަމަށްވާ ޕައުލް ހެމޮންޑާއި މައިކަލް ސްޓްރޭނޯ ޕްރޮފެސަރ ހިލްޑާ ރޮޑޭގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންތަކެކެވެ. އަދި ޕީއެޗްޑީ ހެދުމަށްޓަކައި ދިރާސާ ކުރަމުންދާ ދަރިވަރުން ތަކެއް ވެސް މިކަމުގައި ބައިވެރި ވެފައި ވެއެވެ.
އެމްއައިޓީ އެނަރޖީ އިން ކުރި މިދިރާސާއަށް ހަރަދު ކުރީ އެނީ ނަމަކަށް ކިޔާ އިޓަލީގެ ކުންފުންޏަކުންނެވެ. ސައިންސް ޑެއިލީ