19 Mar 2016, 08:46
ބޫޓާނުގެ ކިންގް ޖިގްމީ ހެޝާ އާއި ކްއީން ޖެޓްސުން ޕީމާގެ ފުރަތަމަ ދަރިފުޅު ޕްރިންސް ގައިސްލޭ އުފަންވުމުގެ މުނާސަބަތުގެ ބޫޓާނުގެ ރައްޔިތުން 108،000 ގަސް އިންދައިފި އެވެ.
އުފަންވުމުން އެކަމުގެ ހަދިޔާއަކަށް މިކަހަލަ ކަމެއް ހިނގުމަކީ ދުނިޔޭގައި މަދުން ނޫނީ ނުހިނގާ ކަމެކެވެ. ފަރުބަދަމަތީ ގައުމެއް ކަމަށްވާ ބޫޓާނުގެ ރައްޔިތުންގެ ތެރޭން 10،000 އަށްވުރެ ގިނަ މީހުންވަނީ ޕްރިންސް އުފަންވުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ގަސް އިންދުމުގެ އެ ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.
ބުދު ދީނަށް ތަބާވާ ގިނަ ބަޔަކު އުޅޭ ބޫޓާނުގައި ޕްރިންސް އުފަންމުގެ މުނާސަބަތުގައި އިންދާފައިވަނީބުޑިސަމް ޓްރީއެވެ. އެމީހުން ބުނާގޮތުން އެގަސް ރަމްޒުކޮށްދެނީ ރީތި ސިއްހަތު ރަނގަޅު އުމުރު ދިގު ދިރިއުޅުމެކެވެ.
އާންމުކޮށްވެސް ގަސްއިންދުމާއި ގުދުރަތީ ރީތިކަމަށް ލޯބިކުރާ ބޫޓާންގެ ގާނޫނު ބުނާގޮތުން ގައުމުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި އަބަދުވެސް އޮންނަން ޖެހޭނީ ޖަންގަލީގެ ގޮތުގަ އެވެ.
ބޫޓާން ޕްރިންސް އުފަންވުމާއި ގުޅިގެން 108،000 ގަސް އިންދި ނަމަވެސް މިއީ މިހާ ގިނަ ގަސް އެއްބަޔަކު އެއްވެ އިންދި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންވެސް ބޫޓާނުގައި ވަނީ މިފަދަ ކަމެއް ކޮށް ދުނިޔޭގެ ރެކޯޑުފޮތުން ޖާގަހޯދާފަ އެވެ. އެއީ 2015 ވަނަ އަހަރު 50،000 ގަސް އެއްގަޑިއިރު ތެރޭގައި އިންދައިގެން ހެދި ރެކޯޑެވެ.