ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި މީހާ އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު "ސަން" މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ މާލެ ގެނައި އަންހެން މީހާ އަދިވެސް ހޭނާރާ ކަމަށެވެ.

"އަދިވެސް އެ އަންހެން މީހާ ހަމަ ސޭމް ކޮންޑިޝަންގެ އޮތީ. އަދިވެސް ހެއެއް ނާރާ." ޒީނަތު ވިދާޅުވި އެވެ.

އެ އަންހެން މީހާ ހޭނާރާތާ މިއަދަށް މިވީ ފަސް ދުވަހެވެ.

އެ އަންހެން މީހާ މިދިޔަ ހޯމަ ދުވަހުގެ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށްފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ކަމާ ބެހޭ އިސް ފަރާތަކާ ނުގުޅޭތީ އެހާދިސާއާއި ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.