ޔޫރޮޕާ ލީގްގައި ރޭ މެންޗަސްޓާ ޔުނައިޓެޑާ ލިވަޕޫލް ކުޅުނު މެޗެ 1-1ގެ ނަތީޖާ އަކުން އެއްވަރެ 3-1ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެން ލިވަޕޫލް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި އެ ދެ ޓީމް ކުޅުނު މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅެ 0-2 ގެ ނަތީޖާ އަކުން އެ ޓީމް ވަނީ ކާމިޔާބް ކޮށްފައެވެ. އެހެން ކަމުން ރޭގެ މެޗަށް ނިކުތް އިރުވެސް ފުރަސަތު ބޮޑީ ލިވަޕޫލަށެވެ.

ޔުނައިޓެޑްގެ އޯލްޓްރެފޯޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 32 ވަނަ މިނެޓްގައި އެ ގޯލް ކާމިޔާބުކޮށްދިނީ، ފުރާންސްގެ ޒުވާން ފޯވާޑް އެންތޮނީ މާޝިއަލްއެވެ.

އެ ގޯލަށްފަހު ލިވަޕޫލް އިން ގިނަ ހަމަލާތަކެއް އުފެއްދި އިރު ފިލިޕޭ ކޯޓީނިއޯ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަދި ޑެނިއަލް ސްޓަރިޖް ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ނަމަވެސް ލިވަޕޫލުން ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ފިލިޕޭ ކޯޓީނިއޯ ކާމިޔާބް ކޮށްދިން ރީތި ގޯލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

އެއީ ޔޫރަޕްގެ މުބާރާތެއްގައި އިނގިރޭސިވިލާތުގެ ޓީމެއްގެ އަތުން ޔުނައިޓެޑް ކެޓި ފުރަތަމަ ފަހަރެވެ. އަދި އެއީ އެ ދެ ޓީމު ޔޫރަޕްގެ މުބާރާތެއްގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ވެސް މެއެެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޓޮޓެންހަމްގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައި ބްރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. ބަސެލް އަތުން 3-0 އިން ސެވިއްޔާ މޮޅުވިއިރު، ބްރާގާ ވަނީ 4-1 އިން ފެނަބާޗޭގެ މައްޗަށް ކުރިހޯދައިފަ އެވެ. ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ގުރުއަތުލުން މިއަދު އޮންނާނެއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތައް:

  • ލިވަޕޫލް (އިންގްލެންޑް)

  • ބްރާގާ (ޕޯޗުގަލް)
  • ޝަހުތަރު ޑޮނެސްކް (ޔޫކްރޭން)
  • ބޮރޫޝިއާ ޑޯޓްމަންޑް (ޖާމަނީ)
  • ސްޕާޓާ ޕްރާގު (ޗެކް ރިޕަބްލިކް)
  • އެތުލެޓިކް ބިލްބާއޯ (ސްޕެއިން)
  • ސެވިއްޔާ (ސްޕެއިން)
  • ވިޔަރެއާލް (ސްޕެއިން)