18 Mar 2016, 13:26
އިސްލާމް އާބާދު (މާޗް 18): ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފް، ބޭސްފަރުވާއަށް ޓަކައި ގައުމުން ބޭރަށް ފުރާވަޑައިގެންފިއެވެ.
މުޝައްރަފް ވަޑައިގެންނެވީ ދުބާއި އަށެވެ. ޕާކިސްތާނުގެ ދާހިލީ ވަޒީރު ޗައުދަރީ ނިޒާރު ވިދާޅުވީ ގައުމުން ބޭރަށް ފުރުން މަނާ މީހުންގެ ލިސްޓުން މުޝައްރަފްގެ ނަން އުނިކުރުމާއެކު އޭނާ ދުބާއި އަށް ފުރާވަޑައިގެންފި ކަމަށެވެ. އެއީ މުޝައްރަފްގެ މައްޗަށް ޕާކިސްތާނުގެ ދައުލަތުން ކުރާ ހިޔާނާތުގެ ދައުވާއާއި އެނޫން ދައުވާތަކާ ގުޅިގެން ގައުމުން ބޭރަށްފުރުން އޭނާއަށް މަނާކޮށްފައި އޮތް އޮތުމަށްފަހު އެކަމަށް ހުއްދަދިން ފުރަތަމަ ފަހަރެވެ.
ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ޕާކިސްތާނުގެ ދާހިލީ ވުޒާރާއިން މުޝައްރަފަށް ދިނީ ގައުމުން ބޭރަށްފުރުން މަނާމީހުންގެ ލިސްޓުން މުޝައްރަފްގެ ނަން އުނިކުރުމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ހުއްދަ ދިނުމާ ގުޅިގެންނެވެ.
މުޝައްރަފްގެ ލޯޔަރުންގެ ޓީމުން ބުނީ ހަތަރުމަސްދުވަހާއި ހަމަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމުގައެވެ. މިއަދު ހެނދުނު މުޝައްރަފް ދުބާއީ އަށް ފުރާވަޑައިގެންނެވީ އޭނާގެ އާއިލާއާއެކުގައެވެ.
އެއާޕޯޓްގައި ދެއްވި ބަޔާނެއްގައި މުޝައްރަފް ވިދާޅުވީ އޭނާއަކީ ގައުމުދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި އަދި ކޯޓުތަކަށްވެސް އިހްތިރާމް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ބޭސްފަރުވާއަށްޓަކައި ދުބާއި އަށް ވަޑައިގެންނެވި ނަމަވެސް މަދުމަސްތަކެއްގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށާއި އަދި ކޮށްފައިވާ ދައުވާތަކަށް ކެތްތެރިކަމާއެކު ކުރިމަތިލައްވާނެކަމަށް ވެސް މުޝައްރަފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދާލަތަށް ފިއްލަވައިގެން ބޭރުގައި ނުހުންނަވާނެ ކަމަށެވެ.
1999 ވަނަ އަހަރު ޕާކިސްތާނުގެ ސިފައިންގެ ވެރިއަކަށް ހުންނަވައިގެން މުޝައްރަފްވަނީ ޣައިރު ގާނޫނީ އިންގިލާބެއް ގެންނަވައި ޕާކިސްތާނުގެ އޭރުގެ އިންތިހާބީ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި އަސްކަރީ ވެރިކަމެއް ކުރައްވާފައެވެ. އެ މައްސަލާގައި މުޝައްރަފްގެ މައްޗަށް ވަނީ ގައުމަށް ހިޔާނާތްތެރިވުމާއި ޣައްދާރުވުމުގެ ދައުވާ އުފުލާފައެވެ.
މުޝައްރަފްގެ ވެރިކަން 2008 އާ ހަމައަށް ދެމިގެން ގޮސްފައިވާއިރު މުޝައްރަފް ވެރިކަން ދޫކޮށްލެއްވީ އޭނާގެ ވެރިކަމާއިދެކޮޅު ހަރަކާތްތައް ޕާކިސްތާނުގައި އިންތިހާއަށް މައްޗަށްގޮސް ވެރިކަމުގައި ހުންނަވަން ދަތިވާ ހިސާބަށް ކަންތައްތައް ގޮސްގެންނެވެ. މީގެއިތުރުން ދީނީ އިލްމުވެރިއަކު މަރާލުމާއި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ޖަރީމާގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް މުޝައްރަފްގެ މައްޗަށް ކުރެވިފައިވެއެވެ. (އަލްޖަޒީރާ)