ބ. އަތޮޅުގެ 20 ފަޅު ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ އިއުލާނު ބާތިލު ކުރަން ނިންމީ އެ ރަށްތަކަށް ބިޑު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިޑު ފޯމު ވިއްކުމަށް ކަނޑައެޅި ތާރީހަށް އައިސްފައިވާ ބަދަލަކާއި ގުޅިގެން ކަމަށެވެ.

އެ މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ ބ. ނެލިވަރުފިނޮޅު، ބަތަލާހުރާ، ބޯދާފުށީފިނޮޅު، ކަށިދުއްފަރުފިނޮޅު، އަހިވައްފުށި، އައިދޫ، ވަންދުއްމާފަރުފިނޮޅު، ވިނަނެތްފަރުހުރާ، މާފުށީފިނޮޅު، މެދުފިނޮޅުގާތުފިނޮޅު، ފިނޮޅުފަރު، ދޮރުކަނޑު އުތުރުހުރާ، ދޮރުކަނޑު ދެކުނުހުރާ، ގާވިލިގިލި، ގާގަނޑުފަރުހުރާ، ބޮއިފުށި، މާއްޑޫހުޅުދޫ، ދަންދޫ، އުނޑޫދޫ އަދި ވެޔޮފުށި ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބ. އަތޮޅުގައި ބަޔޯސްފިޔާ ރިޒާވެއް ކަމަށް ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައިވާ ފަޅުރައްތަކެއް ވަރުވާ އަށް ދޫކުރަން ސަރުކާރުން އިއުލާނު ކުރުމުން ބ. އަތޮޅު ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބ. އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބ. އަތޮޅުގެ ގިނަ ފަޅު ރައްކަތެއް ދޫކުރާތީ ކަންބޮޑުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ބަޔޯސްފިޔާ ރިޒާވްގައި ހިމެނޭ ބަތަލާ ހުރާ، ވަންދުއްމާފަރު، ދޮރުކަނޑު އުތުރު ހުރާ އަދި ދޮރުކަނޑު ދެކުނު ހުރާ ހިމެނޭތީ ވަކިން ބޮޑަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަރުވާ އަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.

ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.