ޣައްޒާ : ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާއަތުގެ ދެމެދުގައިވާ ޚިލާފްތައް ނައްތާލުމަށް އެދެޖަމާއަތުން އެއްބަސްވެ މިކަމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހަތަރު އަހަރުގެ ދިގުލީ ޚިލާފްތައް ނައްތާލުމަށްފަހު ދެޖަމާއަތް ސުލްޙަވެ އެދެޖަމާޢަތަ ގުޅިގެން ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެއް އެކުލަވާލުމަށާއި އެއްއަހަރުގެ މުއްދަތަށްފަހު ފަލަސްތީނުގައި ބަރުލަމާނީ އަދި ރިޔާސީ އިންތިޚާބުތައް ބޭއްވުމަށްވެސް އެދެޖަމާއަތުން ސޮއިކުރި ސުލްޙައިގެ އެއްބަސްވުމުގައި ވެއެވެ.

މިއެއްބަސްވުމުގައި ހަމާސް އާއި ފަތްޙުން ސޮއިކުރީ މިސްރުގެ ވެރިރަށް ޤާހިރާގައެވެ. ދެފަރާތުގެ ދެމެދުގައި މިސްރު މެދުވެރިއަކަށް ވެގެން ސުލްޙައިގެ ވާހަކަތައް ދެކެވެމުންދާތާ ތިންއަހަރު ވެއްޖެއެވެ.

ނަމަވެސް ސުލްޙައިގެ އެއްބަސްވުމަކަށް ނާދެވި ލަސްވެގެންދިޔައީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވެރިއަކަށް ހުންނަވާ ފަތްޙު ޖަމާޢަތުގެ މައްޗަށް އެމެރިކާ ހިންގަމުންގެންދިޔަ ބަރާއި ނުފޫޒުގެ ސަބަބުންނާއި މުބާރަކްގެ ވެރިކަމުގައި މިސްރުގެ މައްޗަށްވެސް އެމެރިކާ ހިންގި ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރަމުންގެންދާ ޙަމާސްޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ސިފަކުރާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް އެހީވަމުންދާ ޤައުމެކެވެ. އެހެންކަމުން އެމެރިކާއާއި މުބާރަކްގެ ދުވަސްވަރު މިސްރުގެ ސަރުކާރުން ވެސް ފަތްހު ޖަމާއަތަށް ބާރުއަޅަމުން ގެންދިޔައީ އެމެރިކާއާއި އިސްރާއީލުގެ ޝަރުތުތަކާ އެއްގޮތަށް މެނުވީ ޙަމާސްއާއެކު ސުލްޙަ ނުވުމަށެވެ.

އެމެރިކާއާއި އިސްރާއީލުގެ ޝަރުތު ތަކަކީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބަނީސް ޙަމާސުން އިސްރާއީލަށް އިޢްތިރާފްވުމާއި ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޙަމާސުން ކުރާ ޖިހާދު ހުއްޓާލުމެވެ. މިއީ ޙަމާސް ޤަބޫލުކުރާ ޝަރުތުތަކެއްނޫނެވެ.

ޙަމާސްއާއި ފަތްޙު ޖަމާއަތުގެ މިއެއްބަސްވުމަކީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާ ގުޅިގެން އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ކުޑަވެ އިސްރާއީލު އިތުރަށް އެކަހެރިވެ އިސްރާއީލަށް ފިއްތުންތައް ބޮޑުވެގެންދާނެ ކަމެއްކަމަށް މުރާސިލުން ބުނެއެވެ.

ޙަމާސްއާއެކު ސުލްޙައގެ އެއްބަސްވުމާ ހަމައަށް ގޮސް ދެޖަމާޢަތް ގުޅިގެން ފަލަސްތީނުގައި އާ ސަރުކާރެއް އެކުލަވާލަން އެންމެފަހުން ރައީސް މަޙްމޫދް ޢައްބާސް ނިންމެވއިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެން ފަލަސްތީނުގެ ޙައްޤުތައް ހޯދުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތު މުޅިން ފޭލްވެ އިސްރާއީލާއެކު ސުލްޙަވުމަކީ ބިލާހެއްކަން ވޭތުވެދިޔަ 20 އަހަރުގެ ތަޖްރިބާއިން ކަށަވަރު ވުމުން ކަމަށް ޙަމާސް ޖަމާޢަތުގެ އިސްވެރިއަކު ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ ޙައްޤުތައް ހޯދުމަަށްޓަކައި އެމެރިކާއަށް ބަރޯސާވުމަކީވެސް ބޭކާރުކަމެއް ކަން ޢައްބާސްއަށް އެންމެފަހުން ވިސްނި އަދި އެމެރިކާއަށް ތާއީދުކުރާ މިސްރުގެ މުބާރަކްފަދަ ބޭފުޅުން ގެ ޚުދުމުޚްތާރު ވެރިކަން ވެއްޓިގެން ދިޔުމުން އެމެރިކާގެ ބަސްއެހުމަކީ މިހާރު މަސްރަޙްހުރިގޮތުން މާބޮޑު ފައިދާއެއް ހުރިކަމެއްނޫންކަމަށް ޢައްބާސް ޤަބޫލު ކުރެއްވުމުން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

ހަމާސްއާއެކު ފަތްޙު ޖަމާއަތުން ސުލްޙަ ވެ މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުން އިސްރާއީލުވަނީ ވަރަށް ރުޅިވެރިކަމާއެކު ޢައްބާހަށް ފާޑުކިޔާފައެވެ. އެމެރިކާވެސް މިކަމަށް މަރްޙަބާ ކިޔާފައިވަނީ ވަރަށް ފާޑެއްގެ ރާގެއްގައެވެ.
ޙަމާސްޖަމާއަތާއި ފަތްޙު ޖަމާއަތުގެ ދެމެދުގައި އަރާރުންތަކާއި ދެބަސްވުންތައް އުދެދުނީ 2005 ވަނަ އަހަރު ފަލަސްތީނުގައި ބޭއްވި ދިމުޤްރާތީ އިންތިޚާބު ހަމާސުން ކާމިޔާބުކުރުމާ ގުޅިގެން އުފެއްދި ޙަމާސްގެ ދިމުޤްރާތީ ސަރުކާރު އުވާލުމަށް އެމެރިކާއާއި ޔޫރަޕުން ކުރިމަތިކުރި ފިއްތުންތަކަށް ޢައްބާސް އިޖާބަ ދެއްވައި ޙަމާސްގެ ސަރުކާރު ޣައިރު ޤާނޫނީ ގޮތުން އުވާލެއްވުމާ ގުޅިގެންނެވެ. -- ނޫސްއެޖެންސީތައް