17 Mar 2016, 23:57
މާލެއާ ހުޅުލެއާ ދެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ދައުވަތު ދެއްވައިފި އެވެ.
ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރިއަށް ގެންދާ މަހާސިންތާގެ ތިންވަނަ ބުރު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ނިހާނު އެ ދައުވަތު ދެއްވީ ރާއްޖޭގައި ބްރިޖު ނޭޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާތީ އެވެ.
ރާއްޖޭގައި ބްރިޖު އަޅާ ވާހަކަ ރައީސް މައުމޫން ވިދާޅުވި ހިސާބުން ނަޝީދު ވަނީ ރާއްޖޭގައި ބުރިޖެއް ނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ. ބްރިޖު އަޅާނެ މީހުން ނެތް ކަމަށާއި، އެކަން ކުރާނެ ގޮތާމެދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެމްޑީޕީ ސަރުކާރުން ރާއްޖޭގައި ބްރިޖު އަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަޅުގަނޑުމެން މިދައްކަނީ ކުރެވޭނެ ކަންތަކުގެ ވާހަކަ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، 'ބްރިޖެއް ނޭޅޭނެ'. އަޅުގަނޑަށް ރައީސް މައުމޫނު ވިދާޅުވެދެއްވަބައްލަވާ، ކީއްތޯ ކުރައްވަން ތިއުޅުއްވަނީ ހުޅުލެއާ މާލެއާ ދޭތެރޭގައި ބްރިޖެއް އަޅުއްވައިގެން ކޯއްޗެއް ހައްދަވަންތޯ ތި އުޅުއްވަނީ. މައުމޫން ނިކަން ވިދާޅުވެދެއްވަ ބައްލަވާ، ތި ބްރިޖެއް އެޅީމާ ދެންވާނޭ ގޮތެއް އެޅިޔަސްވެސް. ކިހިނެއްތޯ އަޅަނީ، ކޮބައިތޯއޭ ތީގެ އިންޖިނިއަރިންއަކީ ކާކުތޯއޭ ބުނީ ތި އެޅޭނެޔޭ. ކިހިނެއްތޯއޭ އޭގެ ފައިސާ ހޯއްދަވަނީ. ހަމަ މީހުންގެ ލޮލުގައި އަނދުން އަޅުއްވަމުން ނުހިންގަވާށޭ، ތިވަރަށް އޮޅުވައި ނުލައްވަވާށޭ،ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނިހާނު ވިދާޅުވީ، ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑުކިޔުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތްތަކުން އެކި ބޭނުންތަކުގައި ހުޅުލެއާ މާލެއާ ދެމެދު ދަތުރުކުރާ އިރު ގާދޫ ކޮލާ ދިމާލަށް މޫނު އަނބުރާލައިގެން އިންނަން ނުކެރޭ ކަމަށެވެ.
"އެއްކަލަ ބޭފުޅާއަށް އަޅުގަނޑު ދަންނަވާލަން. އަޅެ ވިދާޅުވެ ބައްލަވާށޭ ތިޔައީ ކިހިނެތް އަޅާން އުޅޭ އެއްޗެއްތޯ އޭ؟ ވަޑައިގެން ބައްލަވާށޭ މިހުރީއޭ މި އަޅާގޮތް. ހަދާނެ ގޮތް ކިޔާދިނީ ކާކުތޯ އޭ. އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އޭ ކިޔައިދިނީ. އަޅުގަނޑުމެންނަށް އެނގުނީ މި އަޅާނެ ގޮތް. ސީނުކަރައިން މީހުން ގެނެސްގެން މިހިރަ އަޅަނީ،" ނަޝީދަށް އަމާޒު ކުރައްވައި ނިހާނު ވިދާޅުވި އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި މިހާތަނަށް ރާއްޖެ ނުގެންނަފަދަ ބޮޑު ޝިޕްމެންޓެއް ވެސް މިހާރު ބްރިޖުގެ މަޝްރޫއަށް ރާއްޖެ ގެނެސް، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދެ އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.