17 Mar 2016, 21:35
އަންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމަށް ކުރިއަށް ގެންދާ މަހާސިންތާގެ ތިން ވަނަ ބުރު ފަށައިފި އެވެ.
މަހާސިންތާގެ ތިންވަނަ ބުރު ފައްޓަވައިދެއްވީ އެކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.
މަހާސިންތާގެ ތިން ވަނަ ބުރު ހާއްސަކޮށްފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށެވެ. މާދަމާ އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް މަހާސިންތާގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
މަހާސިންތާގެ ތިން ވަނަ ބުރު ފަށާފައި ވާއިރު، މިހާތަނަށް މަހާސިންތާގައި 400 ށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ ކަމަށް ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން ވަނީ ބުނެފަ އެވެ.
އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުން އެ ޕާޓީގެ މަންދޫބުން އެކަންޏެވެ.