17 Mar 2016, 21:33
ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތައް ވީހާވެސް އަވަހަށް ފެށުމަށް އިތުބާރުއޮތް މާހައުލެއް ގާއިމުކުރުމަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީ އިން ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވައިފި އެވެ.
އެ ޕާޓީން މިއަދު ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހާލަތު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި، އެ އަނދަވަޅުން ސަލާމަތްކޮށް ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއާ މަންފާއަށް މިވަގުތު އެންމެ މުހިއްމީ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުން ކަމަށް ދެކޭ ކަމަށް ވަނީ ބުނެފަ އެވެ.
އަދި މީގެ ކުރިން ބޭއްވި މަޝްވަރާތައްވެސް ނާކާމިޔާބުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުންކަމަށާއި، މަޝްވަރާގެ ވާހަކަތައް ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ސަރުކާރުން ގާއިމުކުރަން ޖެހޭ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީ އިން ރައީސް ޔާމީން އަށް ފޮނުވި ސިޓީގައި އެހެން ބުނެފައި ވާއިރު، މަޝްވަރާ ކުރިއަށް ގެންދާނެ މާހައުލެއް ނެތް ކަމަށާއި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ބުނެ މަޝްވަރާތަކަށް ސަރުކާރުން ފޮނުވި އެއްވެސް ދައުވަތެއް އެޕާޓީ އިން ގަބޫލުކޮށްފައެއް ނުވެ އެވެ.
ސަރުކާރުން ވަނީ މަޝްވަރާތަކަށް ހަތަރު ފަހަރެއްގެ މަތިން އެ ޕާޓީއަށް ދައުވަތު ދީފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމުގެ ގޮތުން މަޝްވަރާ ކުރުމަށް ދެ ފަހަރެއްގެ މަތިން ދައުވަތު ދީފައި ވާއިރު ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާތަކަށް ވެސް ދެފަހަރެއްގެ މަތިން އެޕާޓިއަށް ވަނީ ދައުވަތު ދީފަ އެވެ.
އެމްޑީޕީ އަދި އަދާލަތު ޕާޓީން ބުނެފައި ވަނީ މަޝްވަރާތަކަށް ދާނީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުމުން ކަމަށެއެވެ.
ސަރުކާރުން ބުނީ އެހުރިހާ ކަމަކަށް ވެސް ހައްލު ހޯދޭނީ މަޝްވަރާގެ މޭޒަށް އައިސް ވާހަކަ ދެއްކުމުން ކަމަށެވެ.