17 Mar 2016, 21:14
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ، ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މެރުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ސުޕްރީމު ކޯޓުގައި ފެށުމަށް ތާވާލުކޮށްފި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ހުމާމު ސުޕްރީމު ކޯޓަށް ހާޒިރުކޮށް މައްސަލައާ ގުޅޭ މައުލޫމާތު އޭނާއަށް ވަނީ ދީފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގެ މައުލޫމާތު ދިނުމުގެ އިތުރުން އެ މައްސަލާގައި ހިމެނޭ ލިޔުންތައް ވެސް ހުމާމާ ވަނީ ހަވާލުކޮށްފަ އެވެ.