ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރަމުން މި މަހުގެ 14 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހުރިހާ އަންހެނުންގެ އަބުރާ އިއްޒަތް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ހޯޕް ފޯރ ވިމެން އިން ބުނެފި އެވެ.

އަންހެނުންނަށް ނިސްބަތްވާ ގޮތަށް ބައެއް މެމްބަރުން ދެއްކެވި ވާހަކަތައް ކުއްވެރިކޮށް ހޯޕް ފޯރ ވިމެންގެ ޗެއަރޕާސަން އަނީސާ އަހުމަދު ދެއްވި ބަޔާނުގައި ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަށް ބަހުސްކުރުމުގެ ބަދަލުގައި މިހާރު ފެންނަމުންދަނީ އެއް މެމްބަރަކު އަނެއް މެމްބަރަކާ ޒާތީ ގޮތުން ދިމާކޮށް ބަހުގެ ހަމަލާތައް ދޭ މަންޒަރު ކަމަށެވެ.

އަނީސާ ވިދާޅުވީ، އެދުވަހުގެ ޖަލްސާގައި މެމްބަރުންގެ ވާހަކަތައް ބައްޓަންކުރައްވާފައި ވަނީ އަންހެނުންގެ އިންސާނީ ކަރާމާތާ، ގަދަރުވެރިކަން ގެއްލޭފަދަ އަދި ވަރަށް އިހާނެތި ބަސްތައް ބޭނުންކޮށްގެން ކަމަށްވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

"14 މާރިޗުގައި އެކަން ހައްދުން ނެއްޓިގެން ގޮސް، ހުރިހާ އަންހެނުންގެ އަބުރާއި އިއްޒަތް ގެއްލޭ ހިސާބަށް ކަންތައްތައް ދިޔައީ،" އަނީސާ ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލާ ގުޅޭގޮތުން އަނީސާ ވިދާޅުވީ، ލޯކަލް ކައުންސިލްތައް ނުވަތަ މަޖިލީހުގެ ނުވަތަ އެހެންވެސް މުއައްސަސާއެއްގެ ވަކި ނިސްބަތެއް ވަކި މުއްދަތަކަށް އަންހެނުންނަށް ހާއްސަކުރުމުގެ މައްސަލައަކީ އެކަމާ މެދު އިލްމީ ފެންވަރެއްގައި ބަހުސް ކުރެވިދާނެ ކަމެއް ކަމަށެވެ.

އަދި އިލްމީ ފެންވަރެއްގައި ބަހުސްކޮށް، މަޖިލީހުން ވަކި ގޮތެއް ނިންމުމުން އެކަމާ މެދު އިއުތިރާޒެއް ނެތް ކަމަށާއި، ނަމަވެސް މަޖިލީހުގައި ބަހުސް ކުރިއަށް ދިޔަ ގޮތުން، ހުށަހެޅިފައިވާ ބިލާ މެދު މެމްބަރުން ފުންކޮށް ވިސްނާވަޑައިގެންފައި ނުވާކަން ހާމަވާ ކަމަށްވެސް އަނީސާ ވިދާޅުވި އެވެ.

"އެބޭފުޅުން ހާމަކުރެއްވީ އެބޭފުޅުން އަންހެނުންނާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް. އެބޭފުޅުންގެ ހިތްތަކުގައި އަންހެނުންނަށް ދެވިފައިވާ ދަރަޖަ،" އަނީސާ ފާހަގަކުރެއްވި އެވެ.

އެގޮތުން ރައްޔިތުންގެ ވޯޓާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަން މަޖިލީހަށް ވަޑައިގެން ތިއްބެވި މެމްބަރުން މަސައްކަތް ކުރައްވަން ޖެހޭނީ ޒާތީ ތައައްސުބާއި އަމިއްލަ ދިރިއުޅުމުގައި ކަންކަން ކުރާ ގޮތާ ހިލާފަށް، ގައުމީ މަސްލަހަތަށާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަން ދީގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

އަނީސާ ވިދާޅުވީ، ސަރުކާރާއި ސިޔާސީ ޕާޓިތަކުގެ ސިޔާސަތަކީވެސް އަންހެނުން ބާރުވެރި ކުރުވުން ކަމަށާއި އެހެންކަމުން އެދުވަހު މަޖިލީހުގައި ދެއްކި ވާހަކަތަކަކީ އެ މެމްބަރެއްގެ އަމިއްލަ ވިސްނުން ކަމަށެވެ.