17 Mar 2016, 19:46
ޔޫއެންގެ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ސޮލިއުޝަންސް ނެޓްވޯކް (އެސްޑީއެސްއެން)ން އެކުލަވާލާފައިވާ ވޯލްޑް ހެޕިނެސް ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އެންމެ އުފާވެރި ގައުމަކީ ޑެންމާކެވެ.
ޑެންމާކްގެ އިތުރުން ދުނިޔޭގެ އެންމެ އުފާވެރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ސްވިޒަލެންޑާއި އައިސްލެންޑާއި ނޯވޭއާއި ފިންލޭންޑެވެ. އިއްޔެ އާއްމު ކުރި އެރިޕޯޓުގައި ބަލާފައި ވަނީ އެގައުމެއްގެ ރައްޔިތުންގެ ސިއްހަތަށާއި ސިއްހީ ފަރުވާ ހޯދުމުގެ ފަސޭހަ ކަމަށާއި، އާއިލީ ގުޅުންތަކަށާއި، ވަޒީފާގެ ރައްކާތެރިކަމަށާއި، ސިޔާސީ މިނިވަން ކަމަށާއި ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރަށެވެ.
ރިޕޯޓުގައި ހިމެނޭ 156 ގައުމުގެ ތެރެއިން އުފާވެރިކަން އެންމެ ދަށް ގައުމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސިޔާސީ އަރާރުންތައް އިތުރުވެ ހަމަނުޖެހުންތަކުގެ ނުރައްކާ ބޮޑުވެފައިވާ އެފްރިކާގެ ގައުމެއް ކަމަށްވާ، ބުރުންޑީ އެވެ. ލިސްޓުގައި ބުރުންޑީ އޮތީ ފަސް އަހަރުވީ ދާހިލީ ހަނގުރާމައެއްގެ ސަބަބުން 250،000 މީހުން މަރުވެފައިވާ ސީރިއާއަށް ފަހުގަ އެވެ. ސީރިއާގައި ހަނގުރާމައެއް ކުރިއަށް ދިޔަ ނަމަވެސް އެގައުމުގެ ރައްޔިތުންނަކީ އެހެން ގައުމުތަކުގެ ރައްޔިތުންނާ އަޅައިބަލާއިރު ދީލަތި މީހުން ކަމަށް ރިޕޯޓުއެކުލަވާލަން ހެދި ސާވޭއިން ދެއްކި އެވެ.
ތިން އަހަރު ވަންދެން ކޮންމެ އަހަރަކު ވަކި ގައުމުތަކުގެ 1000 މީހުންނާ ސުވާލުކޮށްގެން ހެދި ސާވޭއަކުން މައުލޫމާތު ހިމަނައިގެން އެކުލަވާލި އެރިޕޯޓަކީ އެފަދަ ހަތަރު ވަނަ ރިޕޯޓެވެ. (ބީބީސީ)