17 Mar 2016, 18:48
އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ސަރުކާރުގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކަކީ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވުން ކަމަށާއި ނަމަވެސް އެކަން ކަމާ ފުށުއަރާ ގޮތަށް ބައެއް މުއައްސަސާތަކުން އަމަލު ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އެ ސިޔާސަތަށް ބާރު ދިނުމަށް އިގްތިސާދީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާއިން ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތުތައް ލިބުމުގައި ހުރަސްތައް ނައްތާލުމަށްޓަކައި ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.
"ހިދުމަތާއި ފަސޭހަތައް ލިބުމުގައާއި ފުރުސަތުތަކަށް ވާސިލުވުމުގައާއި އަދި ވަޒީފާއާއި މަގާމުތަކުގެ ކުރިއެރުން ލިބުމުގައި ޒަމާނުއްސުރެ މުޖުތަމައުގައި އަންހެނުންނަށް ދެވިފައިވާ ދައުރަށް ބެލުމެއްނެތި ފިރިހެނުންނާ އެއް ހަމަ ދައުރެއް މުޖުތަމައުގައި އަންހެނުންނަށްވެސް އަދާ ކުރެވޭނެ މަގެއް ހޯދައި ދިނުމުގެ ބޭނުމުގައި 'ޖެންޑާ އީކުއަލިޓީ ބިލެއް' ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅިފައިވާކަން ފާހަގަކުރަމެވެ." ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް ބައެއް މުއައްސަސާތަކުން ބައެއް ހާލަތްތަކުގައި އަމަލުކުރަމުންދާ ކަމަށާއި އެކަމަށް އެ މިނިސްޓްރީން ކަންބޮޑުވާ ކަމަށެވެ.
ޖެންޑާ އިން ބުނީ އަންހެނުންގެ ކަރާމާތާއި ރައްކާތެރިކަމަށް އެއްވެސް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ސަރުކާރުގެ އެ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަންހެނުން ބާރުވެރިކުރުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް މިއަދު ނެރެފައިވާއިރު އެކަނބަލުންގެ ޝަރަފާއި ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ކަމަށާއި އެކަން ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ފަރާތުން ޖެންޑާ އީކުއަލިޓީ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް އެ ރަށެއްގެ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެންދާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމަށް އިދިކޮޅު މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލު މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.