މައްކާގައި ބާއްވާ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ.

އެ މަރުކަޒުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 22 އިން 26އަށް ބޭއްވުމަށް ހަމަޖެހިފައިވާ 38 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެ މަރުކަޒުން ބުނީ އެ މުބާރާތުގައި ހިމެނޭ ގޮފިތަކުން 3 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވެވޭނީ އެއް ފަރާތަކަށް ކަމަށެވެ.

ބައިވެރިވުމުގެ ޝަރުތު:

  • މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.

  • 25 އަހަރު ފުރިފައިނުވާ ފިރިހެނަކު ކަމުގައިވުން.
  • ރާއްޖޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް:

  • ކީރިތި ގުރްއާނުގެ ކަލިމަތައް ތަފްސީރާއެކު އެނގި މުޅި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމުގެ ގޮފި.

  • މުޅި ގުރްއާން ހިތުދަސް ވުމާއެކު ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
  • ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސް ވުމާއެކު ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރި އިއުލާނުގައި ބުނީ އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ތިން ބައިވެރިއަކު ހޮވުމަށް ބޭނުން ވާތީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 30ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ބައިވެރިވުން އެދި އެ މަރުކަޒަށް ސިޓީއެއް ނުވަތަ ފެކުހަކުން އެދި ދަންނަވާ ކަމަށެވެ.