17 Mar 2016, 16:05
ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ނޫނީ ޓޫރިސްޓުން ނުބޭތިއްބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ފަތުރުވެރިން ބައިތިއްބަންވާނީ، އެތަނެއް މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫންތަނެއްގައި އެއްވެސް ފަތުރުވެރިއަކު އަގަށް ބަހައްޓައިގެން ނުވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަން ހުންނަން ޖެހޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ކަމަށެވެ.