17 Mar 2016, 16:17
ބ. އަތޮޅުގައި ބަޔޯސްފިޔާ ރިޒާވެއް ކަމަށް ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައިވާ ފަޅުރައްތަކެއް ވަރުވާ އަށް ދޫކުރަން ސަރުކާރުން އިއުލާނު ކުރުމުން ބ. އަތޮޅު ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބ. އަތޮޅުގެ ގިނަ ފަޅު ރައްކަތެއް ދޫކުރާތީ ކަންބޮޑުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ބަޔޯސްފިޔާ ރިޒާވްގައި ހިމެނޭ ބަތަލާ ހުރާ، ވަންދުއްމާފަރު، ދޮރުކަނޑު އުތުރު ހުރާ އަދި ދޮރުކަނޑު ދެކުނު ހުރާ ހިމެނޭތީ ވަކިން ބޮޑަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބ. އަތޮޅުގައިވާ ބަޔޯސް ފިޔާ ރިޒާވަކީ ރާއްޖޭގެ ސަރަހައްދުތަކުގެ ތެރެއިން ދުނިޔޭގައި އެންމެ މަޝްހޫރު އެއް ސަރަހައްދު ކަމަށް ވާތީ އެކަމުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަތޮޅަކަށް ވެފައި މުޅި ރާއްޖޭގެ ނިސްބަތުން ވެސް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ އަދި ގެސްޓްހައުސް ވިފާރިކުރާ ފަރާތްތަކަށް ވެސް އެކަމުގެ ނަފާވެރިކަން އެންމެ އެދެވޭ ގޮތުގައި ލިބެމުންދާ އިރު، ފަތުރުވެރިންގެ މެދުގައި ވެސް މުޅި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ސަރަހައްދުތައް އޮތީ ބ. އަތޮޅުގައި ކަމަށްވާތީ މިކަމުގެ ސަބަބުން މިއަތޮޅަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމުގައި ދެކޭ ކަމުގައި ދަންނަވަމެވެ،" ބ.އަތޮޅުކައުންސިލްގެ ބަޔާނުގައިވެ އެވެ.
ސަރަހައްދު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކައުންސިލުން އަޅާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.