17 Mar 2016, 15:44
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު އަށް އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާގެ) ލޯނެއް ދިނުމަށް އެއްބަސްވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަށް އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދޭނެ ކަމުގެ ޔަގީންކަން ދިނީ، އެ މަޝްރޫއު އަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސައޫދީ އަރަބިއްޔާގައި އެ ފަންޑްގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުމުއްގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިނިސްޓަރު ޖިހާދު ސައުދީ އެރެބިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ ކޮމެޓިމަންޓް އެ ބައްދަލުވުމުގައި ދެއްވި ކަމަށާއި އަދި ދެން ބާއްވާ އެ ފަންޑުގެ ބައްދަލުވުމުގައި އެ ފައިސާ އެޕްރޫވް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ދެއްވި ކަމަށެވެ.
ނަމަވެސް އެ ލޯންގެ އިންޓަރެސްޓަކީ ކިހާވަރެއް ކަމެއް އަދި އަނބުރައި ފައިސާ ދައްކަން ޖެހޭނީ ކިހާ ދުވަހަކުން ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
މިނިސްޓަރު ޖިހާދުގެ ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ. އަދި އެ މަޝްވަރާތަކާ ގުޅިގެން އެއާޕޯޓް ތަރައްގީ ކުރުމަށް އެ ބޭންކުން ކުރިން ދޭން ނިންމާފައިވާ 77 މިލިއަން ޑޮލަރު 110 މިލިއަން ޑޮލަރު (1696.2 މިލިއަން ރުފިޔާ) އަށް އިތުރުކޮށްދެއްވުމަށް ބޯޑަށް ހުށަހަޅުއްވައިގެން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އައިޑީބީގެ އިސްވެރިން ދެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ޖިހާދު ސައުދީ އަށް ކުރައްވާ ދަތުރުފުޅުގައި ސައޫދީގެ މިނިސްޓަރު އޮފް ފިނޭންސާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ އެއާޕޯޓް ތަރަގީ ކުރުމުގެ މަޝްރޫއު އަށް ސައޫދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައި ކަމަށެވެ.