17 Mar 2016, 15:59
ބ. އަތޮޅުގެ 20 ފަޅު ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ ބ. ނެލިވަރުފިނޮޅު، ބަތަލާހުރާ، ބޯދާފުށީފިނޮޅު، ކަށިދުއްފަރުފިނޮޅު، އަހިވައްފުށި، އައިދޫ، ވަންދުއްމާފަރުފިނޮޅު، ވިނަނެތްފަރުހުރާ، މާފުށީފިނޮޅު، މެދުފިނޮޅުގާތުފިނޮޅު، ފިނޮޅުފަރު، ދޮރުކަނޑު އުތުރުހުރާ، ދޮރުކަނޑު ދެކުނުހުރާ، ގާވިލިގިލި، ގާގަނޑުފަރުހުރާ، ބޮއިފުށި، މާއްޑޫހުޅުދޫ، ދަންދޫ، އުނޑޫދޫ އަދި ވެޔޮފުށި ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ރަށްތަކަށް ބިޑު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިޑު ފޯމު ވިއްކަން ފަށާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ 28 ފަޅު ރަށެއް ވަރުވާއަށް ދޫކުރުމަށް ނިންމާފަ އެވެ.
ވަރުވާ އަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.
ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.