އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ގުދަންކުރާ ބަނގުރަލާއި އޫރު މަހުގެ ގުދަންތައް ހުޅުލޭގައި ބެލެހެއްޓި ފަދައިން ހުޅުމާލޭގައި ވެސް އެ ގުދަންތައް ބެލެހެއްޓޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވީ އެގުދަންތައް ހުޅުމާލޭގައި ބެލަހައްޓާނީ ފުރިހަމަ ސެކިއުރިޓީގައި ކަމަށާއި ހުޅުލޭގައި އެގުދަން ހުރި އިރު ނުހިނގިކަމެއް ހުޅުމާލެއަށް ބަދަލު ކުރުމުން ވެސް ނުހިނގާނެ ކަމަށެވެ.

"އެމްޕީއެލްގެ ސެކިއުރިޓީ ހުންނާނެ އެތާ ވަރަށް ރަނގަޅަށް، ފިޒިކަލް ސެކިއުރިޓީ ޕުލަސް ކެމެރާއާއި ހުރިހާ އެއްޗެއް ބޭނުންވާ." ޝަރީފު ވިދާޅުވި އެވެ.

ރާ ގުދަންތައް ބަދަލުކޮށް އަންނަ މަހުގެ މެދެއްހާ ހިސާބުގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެގުދަންތައް ބަލަހައްޓާ ކަސްޓަމުސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ހުޅުމާލެއަށް ބޮންޑެޑް ވެއާ ހައުސްތައް ބަދަލު ކުރުމުން ކަސްޓަމްސް އިން އެތަނުން ރަލާއި އޫރުމަސް ދޫކުރަން ހުއްދަދޭނީ ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައި ޔަގީން ކުރުމަށް ފަހު ކަމަށެވެ.

ހުޅުލޭގައި ހުރި ރާ ގުދަންތައް ހުޅުމާލެއަށް ބަދަލު ކުރަން ނިންމީ އެއާޕޯޓުގެ ތަރައްގީ މަޝްރޫއަށް އެޖާގަ ދިނުމުގެ ގޮތުންނެވެ.